ބޮލީވުޑްގެ މިހާރުގެ އެންމެ ކާމިޔާބު ފިރިހެން ލަވަކިޔުންތެރިޔާ އަރިޖިތު ސިންގް ފިލްމުތަކަށް ލަވަކިޔުން ހުއްޓައިލަން ނިންމިކަން އިއުލާންކޮށްފި އެވެ.
ސޯޝަލް މީޑިއާގައި މިރޭ އާންމުކުރި ޕޯސްޓެއްގައި އޭނަ ބުނީ ފާއިތުވެ ދިޔަ ތަނުގައި އާންމުން ދިން ލޯތްބާއި ތާއީދަށް ޝުކުރު އަދާކުރާ ކަމަށެވެ. ނަމަވެސް ދެން ފިލްމުތަކަށް ލަވަކިޔަން ލިބޭ ފުރުސަތުގެ ބޭނުން ނުހިފާނެ ކަމަށާއި އެގޮތަށް ދެން ލިބޭ އާ މަސައްކަތަކާ ހަވާލު ނުވާން ވެސް ނިންމާފައިވާ ކަމަށް ބުންޏެވެ.
"އެކަން މިހާރު މި ހުއްޓާލީ." ވަރަށް ގިނަ ފިލްމުތަކަކަށް މަޝްހޫރު އެތައް ލަވައެއް ކިޔާފައިވާ ފަންނާނު ބުންޏެވެ.
އަރިޖިތު ފިލްމުތަކަށް ލަވަކިޔުން ހުއްޓާލި ނަމަވެސް އަމިއްލަ މިއުޒިކީ މަސައްކަތްތައް ކުރާނެ އެވެ.
އޭނަ ފިލްމުތަކަށް 2007 އިން ފެށިގެން ލަވަ ކިޔައިދެމުން އަންނަ އިރު، އަރިޖުތިގެ ލަވައެއް ނުވަތަ ލަވަތަކެއް ހިމަނައިގެން ފިލްމުތައް ގެނެސްދިނުމަކީ އެ ފިލްމަށް ކާމިޔާބުވުމުގެ ވަރަށް ބޮޑު ބާރެއްގެ ގޮތުގައި ބޮލީވުޑްގެ ވަރަށް ގިނަ ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުން ގަބޫލުކުރެ އެވެ.
އެހެންވެ މި ފަހުން އަރިޖިތުގެ ލަވައެއް ނުހިމެނޭ ފިލްމެއް ވަރަށް މަދުން ނޫނީ ރިލީޒެއް ނުކުރެ އެވެ.
ދެ ނެޝަނަލް އެވޯޑްގެ އިތުރުން އިންޑިއާގެ ދެވޭ މަޝްހޫރު އެތައް އެވޯޑެއް ވެސް ހާސިލުކޮށްފައިވާ އަރިޖިތަކީ އިންޑިއާ ސަރުކާރުން ހަތަރު ވަނަ އަށް ދޭ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ ޕަދްމާ ޝްރީ ވެސް މިދިޔަ އަހަރު ލިބިފައިވާ ފަންނާނެކެވެ.
ހިންދީ ފިލްމުތަކުގެ އިތުރުން އިންޑިއާގައި އެހެން ބަހުރުވަތަކުން ހަދާ ފިލްމުތަކަށް ވެސް އަރިޖިތު ލަވަތައް ކިޔާފައިވެ އެވެެ.