Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ފުލުހަށް ހާޒިރުވާން ޗިޓު ފޮނުވަނީ ކެންޑިޑޭޓުންނަށް ބިރުދައްކަން

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ހުޅުމާލޭ އުތުރު ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ފާތިމަތު ޒަހިއްޔާ (ޒާޔާ) ފުލުހަށް ހާޒިރުކުރަނީ އެމްޑީޕީ ކެންޑިޑޭޓުންނަށް ބިރު ދެއްކުމުގެ ގޮތުން ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޒާޔާ ފުލުހަށް ހާޒިރުކުރަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު ހަތަރު ވަނަ ދުވަހު، ޒާޔާ ފާތިމަތުގެ ނަމުގައި ހިންގާ އެކައުންޓަކުން ފުލުހުންނަށް އިންޒާރު ދީފައިވާ މައްސަލައެއްގައި ސުވާލުކޮށް ބަޔާން ނެގުމަށެވެ.

ޗިޓުގައި ޒާޔާ ހާޒިރުވުމަށް އަންގާފައި ވަނީ، މިއަދު މެންދުރު 14:00އަށް ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގަށެވެ.

ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޒާޔާ ފުލުހަށް ހާޒިރުވާން އަންގާފައި ވަނީ 'ސާބިތުނުހިފޭ' ތުހުމަތުތަކެއް ކުރުމަށްފަހުގައި ކަމަށެވެ.

އަދި ސިޔާސީ ނުފޫޒުން ޒާޔާ ފުލުހަށް ހާޒިރުކުރުމަށް ޗިޓު ފޮނުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ އެމްޑީޕީ ކެންޑިޑޭޓުންނަށް ބިރުދައްކައި، ނުފޫޒު ފޯރުވުމަށް ކަމަށް ޝާހިދު ތުހުމަތުކުރެއްވި އެވެ.

"ލޯކަލް ކައުންސިލް އިންތިޚާބުގައި މިސަރުކާރު ބޮޑުތަނުން ބަލިވާނޭކަމުގެ ހުރިހާ ޢަލާމާތެއް މިދަނީ ފެންނަމުން. ދައްކާ ބިރަށް ފަސްޖެހުމެއްނެތި ޒާޔާ ކުރިޔަށް ވަޑައިގަންނަވާ! އިންޝާ الله އެމްޑީޕީގެ ކެނޑިޑޭޓުން މި އިންތިޚާބު ކާމިޔާބު ކުރާނީ ފިސާރި ކެރިތިބެ ތަފާތު ބޮޑުކޮށް،" ޝާހިދު ވިދާޅުވި އެވެ.