Last Updated: June 6, 06:06
Saturday, June 6, 2026
މުނިފޫހިފިލުވުން

އޮލިމްޕަހަށް މިރޭ 'ދޯދި'

މި އަހަރު އޮލިމްޕަސް ސިނަމާ އަށް ގެންނަ ދެވަނަ ފިލްމު 'ދޯދި' މިރޭ ޕްރީމިއާ ކުރަން ތައްޔާރުވެއްޖެ އެވެ.

ފިލްމީ ދާއިރާ އަށް އާ މޫނުތަކެއް ވެސް ތައާރަފުވެގެން ދާނެ މި ފިލްމަކީ މުޅިން އަލަށް ފީޗާ ފިލްމެއް ގެނެސް ޓީމެއްގެ ވަރަށް ހާއްސަ މަސައްކަތެކެވެ.

"ދޯދި" އަކީ ސްޓާލިޓް ޕްރޮޑަކްޝަންސް އާއި ޝެފާޑް މޯލްޑިވްސް ގުޅިގެން ގެނެސްދޭ ފިލްމެކެވެ. މި ލިޔެ، ޑައިރެކްޓްކޮށްފައި ވަނީ ޒުވާން ޑައިރެކްޓަރު މޮވަނު ޝަފީގެވެ. "ދޯދި" އަކީ އޭނަގެ ފުރަތަމަ ފީޗާ ފިލްމު ނަމަވެސް މޮވަނު ކުރިން ދެ ކުރު ފިލްމު ގެނެސްދީފައިވެ އެވެ. އެއީ 2022 ގެ "އިނދަ" އާއި "ފަޅު" އެވެ.

"ދޯދި" ގެ މައިގަނޑު ކާސްޓުންނަކީ އަލަށް ތައާރަފުކުރާ ލާނާ ޖަލީލާއި އައިމިނަތު އިންނަ އާއި ޝަަހުދާން ޝަރީފެވެ. މީގެ އިތުރު ކާސްޓަށް ބަލާ އިރު ފެންނާނެ އިތުރު އާ މޫނުތަކުގެ ތެރޭގައި އަހުމަދު ޝަރީޝް އާއި ޝުބްހަތު ފާތުމަތު ޝަކީބާއި އަހުމަދު އިޔާސް ހިމެނެ އެވެ.

ގިނަ އާ މޫނުތަކެއް ފެންނާނެ "ދޯދި" އިން ތައާރަފުވެގެންދާ އިރު، މި ފިލްމުން މަޝްހޫރު ތަރިންތަކެއް ވެސް ފެންނާނެ އެވެ. އޭގެ ތެރޭގައި ވާޝިޔާ މުހައްމަދާއި އާމިރާ އިސްމާއީލް ހިމެނެ އެވެ.

މި އަހަރުގެ ފުރަތަމަ ފިލްމަކީ ޖެނުއަރީ 7 ގައި ޕްރީމިއާކުރި އަލީ ސީޒަންގެ ބިރުވެރި ފިލްމު "ޕަރީ: ޗެޕްޓާ 1" އެވެ.