ދެކުނު ކޮރެއާގެ މަޝްހޫރު ބޭންޑް، ބީޓީއެސް އިން އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު ބާއްވަން ނިންމާފައިވާ ޓުއާގެ ތެރެއިން މެއި މަހުގެ ތެރޭގައި މެކްސިކޯގައި ދޭން ނިންމި ޝޯތައް އިތުރުކޮށް ދޭން އެ ގައުމުގެ ރައީސް ކްލައުޑިއޯ ޝެއިންބޯމް ދެކުނު ކޮރެއާގެ ސަރުކާރުގައި އެދިއްޖެ އެވެ.
ކްލައުޑިއޯ އިއްޔެ ވިދާޅުވީ މެކްސިކޯ ސިޓީގައި ބީޓީއެސް އިން ތިން ޝޯއެއް ދޭން ހަމަޖެހިފައިވާ އިރު، އެ އަދަދު އިތުރުކޮށް ދޭން އެދިވަޑައިގެން ދެކުނު ކޮރެއާގެ ރައީސް ލީ ޖޭ މިއަންގް އަށް ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ.
"އެކަމަކު އަދި އެ ސިޓީގެ ޖަވާބެއް ނުލިބޭ. އުންމީދު ކުރަނީ ވަރަށް ޕޮޒިޓިވް ޖަވާބެއް ލިބޭނެ ކަމަށް." ކްލައުޑިއާ ވިދާޅުވި އެވެ.
ބީޓީއެސްގެ މެކްސިކޯގެ ޝޯތައް އިތުރުކޮށް ދޭން، ރައީސް އެދިވަޑައިގެންނެވީ އެ ޝޯތަކުގެ ޓިކެޓް ވިއްކައިލަން ހުޅުވައިލިތާ 40 ވަރަކަށް މިނިޓްގެ ތެރޭގައި ހުރިހާ ޓިކެޓެއް ވިކި، ޓިކެޓް ނުލިބުމުގެ ޝަކުވާތައް ގިނަ ބަޔަކު ކުރަން ފެށުމާ ގުޅިގެންނެވެ. ކްލައުޑިއާ ވިދާޅުވީ ޝޯތައް ބަލަން މިލިއަނަކަށް ވުރެ ގިނަ ޒުވާނުން ބޭނުންވާ ކަމަށާއި ނަމަވެސް ވިއްކާފައި ވަނީ އެންމެ 150،000 އެއްހާ ޓިކެޓް ކަމަށެވެ.
އަދި ޓިކެޓް މާސްޓަރު ޓިކެޓް ގަނެ، ބްލެކްމާކެޓްގައި ޓިކެޓް ވިއްކާ ކަމަށް ގިނަ ބަޔަކު ތުހުމަތުކޮށް، އެކަން ކަމާބެހޭ އިދާރާތަކުން ތަހުގީގު ކުރަން ވެސް ގޮވާލާފައިވެ އެވެ.
ބީޓީއެސްގެ މެކްސިކޯގެ ޝޯތަކުގެ ޓިކެޓްގެ ރަސްމީ އަގުތައް ހުރީ 100-1030 ޑޮލަރާ ދެމެދުގަ އެވެ.
އެ ގައުމުގައި ބީޓީއެސް އަކީ ވަރަށް މަގުބޫލު ބޭންޑެކެވެ. އަދި މެކްސިކޯ އަކީ ސްޕޮޓިފައިގައި ފަސް ވަނަ އަށް ކޭ-ޕޮލްގެ އެންމެ ބޮޑު މާކެޓް ވެސް މެ އެވެ.
ބީޓީސް އިން ޓުއާއަކަށް މި ނުކުންނަނީ ހަތަރު އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. އެގޮތުން މި އަހަރު ފަށާ ޓުއާގައި ޖުމްލަ 79 ޝޯއެއް ދޭން ހަމަޖެހިފައިވެ އެވެ. މެއި މަހު ފަށާ ޓުއާ މި އަހަރުގެ ޑިސެމްބަރާ ހަމައަށް ކުރިއަށް ގެންދަން ރާވާފައި އިރު، ދުނިޔޭގެ 65 ސިޓީއެއްގައި ބޭންޑް ޕަފޯމް ކުރާނެ އެވެ.
ބީޓީއެސް ވުޖޫދަށް އައީ 2010 ގަ އެވެ. މުޅިން ވެސް ފިރިހެން ފަންނާނުން ހިމެނޭ ބޭންޑްގެ މެންބަރުންނަކީ އާރްއެމް، ސުގާ، ޖޭ-ހޯޕް، ޖިން، ޖަންގް ކުކް، ވީ އަދި ޖިމިން އެވެ.