މި އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް ވާދަކުރާ މީހުންގެ ފޯމްތައް މެނުއަލްކޮށް ބަލައިގަތުމުގެ ވިސްނުމެއް ނެތް ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
އެ ކޮމިޝަނުން މިހެން ބުނި އިރު، އީފާސް މެދުވެރިކޮށް ހަމައެކަނި އޮންލައިންކޮށް ފޯމު ހުށަހަޅަން ޖެހޭ އޮތުމުންނާއި ފޯމު ހުށަހަޅަން ދިން މުއްދަތު ކުރުވެގެން ބައެއް ޕާޓީތަކާއި ބައެއް އެހެން ފަރާތްތަކުން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
އީސީގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާހު ރަޝީދު ދައުލަތުގެ މީޑިއާ ޕީއެސްއެމްގައި ވިދާޅުވީ ކޮމިޝަންގެ މައި ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލި ފަހުން މިހާތަނަށް 2،200 އަށްވުރެ ގިނަ ފޯމު ހުށަހަޅާފައިވާއިރު ފޯމު ހުށަހެޅި އެއްވެސް ކެންޑިޑޭޓަކު ފޯމު ހުށަހެޅުމުގައި އުނދަގޫތަކެއް ކުރިމަތިވާކަން އެ ކޮމިޝަނާ ހިއްސާކޮށްފައި ނެތް ކަމަށެވެ.
އެހެންވެ ގިނަ ބަޔަކަށް އޮންލައިންކޮށް ފޯމު ހުށަހަޅަން ފަސޭހަ ކަމަށް ފާހަގަ ކުރައްވައި އޭނަ ވިދާޅުވީ ކޮންމެ ތަނެއްގައި ހުރެގެންވެސް ފޯމު ހުށަހެޅޭތީއާ އި ފޯމުގެ އަޕްޑޭޓް ޕޯޓަލް މެދުވެރިކޮށް ބަލާލެވޭތީ އެކަން ފަސޭހަވެގެން އެކަން ފާހަގަ ކުރަމުން އަންނަ ކަމަށެވެ.
ޞަލާހު ވިދާޅުވި ގޮތުގައި ޕޯޓަލް މެދުވެރިކޮށް ކެންޑިޑޭޓުން ހުށަހަޅާ ލިޔެކިޔުންތަކުގެ ސައްޙަކަން ފަސޭހަކަމާއެކު ކަށަވަރު ކުރެވޭނެ އެވެ. އަދި ފޯމުތަކަށް ޖަވާބު ދިނުން ވެސް އަވަސް ކަމަށާއި މިއީ ކުރިމަތިލާ ކެންޑިޑޭޓުންނަށް ލިބޭ ލުއެއް ކަމަށް ވެސް ވިދާޅުވި އެވެ.
އިންތިޚާބަށް ކުރިމަތިލާން ހުޅުވާލީ މި މަހުގެ 17 ގަ އެވެ. ފޯމު ހުށަހެޅުމުގެ ސިންގަޑި ހަމަވާނީ އަންނަ މަހުގެ 1 ގެ މެންދުރު ފަހު 3:30 އަށެވެ.
ކައުންސިލް އިންތިހާބު އޮންނާނީ އެޕްރީލް 4 ގަ އެވެ.