Last Updated: June 6, 06:06
Saturday, June 6, 2026
މުނިފޫހިފިލުވުން

'ހާވާޑް އިންޑިއާ ކޮންފަރެންސް' ގައި ޕްރިޔަންކާ

އެމެރިކާގެ މަޝްހޫރު ޔުނިވަސިޓީ، ހާވާޑްގައި ކިޔަވާ ދަރިވަރުން އިންތިޒާމުކޮށްގެން ސިލްސިލާކޮށް ބާއްވަމުން އަންނަ 'ހާވާޑް އިންޑިއާ ކޮންފަރެންސް' ގެ މި އަހަރުގެ އެޑިޝަންގައި މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާ ބައިވެރިވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މި ކޮންފަރެސް އޮންނާނީ އަންނަ މަހުގެ 14 އާއި 15 ގައި ހާވާޑް ޔުނިވަސިޓީގަ އެވެ.

'ހާވާޑް އިންޑިއާ ކޮންފަރެންސް' ގެ 23 ވަނަ އެޑިޝަންގެ ތީމަކީ 'ދި އިންޑިއާ ވީ އިމޭޖިން' އެވެ. މީގައި ތައުލީމާއި ވިޔަފާރި އާއި ސަގާފަތާއި ސިޔާސަތު އެކުލަވައިލުން ފަދަ ދާއިރާތަކުން ފުޅާ ދާއިރާއެއްގައި ތަޖުރިބާކާރުންނާ އެކު މަޝްވަރާ ކުރެވޭނެ އެވެ.

ކޮންފަރެންސްގައި މި އަހަރު ބައިވެރިވާ މީހުންގެ ތެރޭގައި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރެއް ކަމަށްވާ ޝަޝީ ތަރޫރް އާއި އިންޓަނޭޝަނަލް ރިލޭޝަން ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ އަމީތާބް އަޗަރިއާ ވެސް ބައިވެރިވާނެ އެވެ.

ހާވާޑް އިންޑިއާ ކޮންފަރެންސްގައި ޕްރިޔަންކާ ބައިވެރިވާ އިރު، މިހާރު އެމެރިކާއި ދިރިއުޅެމުން އަންނަ ބަތަލާ އަކީ ބައިނަލްއަގިވާމީ މައިދާނުގައި އިންޑިއާގެ އެންމެ ނުފޫޒު ގަދަ ބަތަލާ އެވެ. ޕްރިޔަންކާގެ ކުރިއަށް އޮތް ފިލްމަކީ މި މަހުގެ އަންނަ މަހުގެ 25 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާ ކުރަން ހަމަޖެހިފައިވާ ހޮލީވުޑްގެ ފިލްމު 'ދަ ބްލަފް' އެވެ.