Last Updated: June 6, 09:11
Saturday, June 6, 2026
ޚަބަރު

އިންތިހާބަށް މުއްދަތު އިތުރުކޮށް ދޭން އެމްޑީޕީން ގޮވާލައިފި

އެޕްރީލް މަހު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލާން އިތުރު 10 ދުވަސް ދިނުމަށް އެމްޑީޕީން މިއަދު އިލެކްޝަން ކޮމިޝަން (އީސީ) އަށް ގޮވާލައިފި އެވެ.

އެ ޕާޓީން މިއަދު ބޭއްވި ޕްރެސްއެއގައި ކައުންސިލް އިންތިހާބަށް ހަމަޖައްސާފައިވާ ތަރުޖަމާން އަބްދުﷲ ވަހީދު ވިދާޅުވީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ހައްގުތައް ގެއްލިދާނެ ކަންތައްތައް ދިމާވެ، އެހެނިހެން ދަތިތައް ދިމާވަމުންދާތީ ކެންޑިޑޭޓުންނަށް އިތުރު 10 ދުވަހުގެ އިތުރުކޮށް ދޭން އެދޭ ކަމަށެވެ.

"މި މުއްދަތުގެ ތެރޭގައި ހަމައެކަނި އޮންލައިންކޮށް ހުށަހެޅުމަށްޓަކައި ޖާގަ ދީފައި އޮތުމަކީ މި އިންތިހާބަށް ގިނަ ކެންޑިޑޭޓުންގެ އިންތިހާބީ ހައްގު ގެއްލިގެންދާނެ ކަމަކަށް އެބަ ފެނޭ،" އޭނަ ވިދާޅުވި އެވެ. "އަޅުގަނޑުމެން ވަރަށް އިހުލާސްތެރިކަމާއެކުގައި އިލެކްޝަނަށް ދަންނަވަން އޮތީ މި އިންތިހާބަށް ކުރިމަތިލުމަށްޓަކައި އިލެކްޝަނުގެ ފަރާތުން އިތުރު 10 ދުވަހުގެ މުއްދަތެއް ދިނުމަށް."

ވަހީދު ވިދާޅުވީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ރެކޯޑު ސާފުކުރުމަށް މަސައްކަތްތައް ކުރަމުން އަންނަ އިރު ކަރެކްޝަނަލް ސާވިސް އާއި ޖުޑީޝަލް ސާވިސް އިން ރެކޯޑުތައް ސާފުކުރަން ލަސްތަކެއް ދިމާވާ ކަމަށެވެ.

އޭނަ ވިދާޅުވީ މި އިންތިހާބަށް ގިނަ ބަޔަކު ކުރިމަތިލާނެކަން ދަނެ އެކަމަށް ބައެއް މުއައްސަސާތަކުން ތައްޔާރުވެފައި ނެތް ކަމަށާއި ފޯމުތައް ޕްރޮސެސްކުރަން ވަރަށް ލަސް ކަމަށެވެ.

"މި އިންތިހާބަށް ކުށުގެ ރެކޯޑު ސާފުކުރުމަށްޓަކައި މަސައްކަތް ކުރާއިރުގައި އެ ގުޅުންހުރި މުއައްސާތަކުން ހާއްސަކޮށް ކަރެކްޝަނަލް ސާވިސް އާއި ޖުޑީޝަލް ސާވިސް އިން އަޅުގަނޑުމެންނަށް އިންތިހާއަށް ލަސް އެބަވޭ،" ވަހީދު ވިދާޅުވި އެވެ. "އެތަންތަން އިންތިހާބަށް ތައްޔާރުވެފައި އޮތް ކަމަށް ލަފައެއް ނުކުރެވޭ. ވާންޖެހޭ ތައްޔާރީތައް ވެފައޮތް ކަމަށް ލަފައެއް ނުކުރެވޭ." އެނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންތިހާބަށް ކުރިމަތިލާން 16 ދުވަސް ދިން އިރު، އޭގެ ތެރެއިން ފަސް ވަރަކަށް ދުވަސް ރެކޯޑުތައް ސާފުކުރަމަށް ހޭދަވާ ކަމަށާއި ފޯމުތައް ރިޖެކްޓްވުމަކީ ކަންބޮޑުވުމެއް ކަމަށެވެ.

ވަހީދު ވިދާޅުވީ އިންތިހާބަށް ކުރިމަަތިލުމުގެ މުއްދަތު އިލެކްޝަނުން އިތުރުކޮށް ނުދީފި ނަމަ އެހެން ވަސީލަތްތައް މެދުވެރިކޮށް ހައްގު ހޯދުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

އިންތިހާބަށް ކުރިމަތިލާން ހުޅުވައިލީ މި މަހުގެ 17 ގަ އެވެ. އަދި ސުންގަޑި ހަމަވާނި އަންނަ މަހުގެ 1 ވަނަ ދުވަހުގެ މެންދުރު 15:00 އަށެވެ.

ކައުންސިލް އިންތިހާބު އޮންނާނީ އެޕްރީލް 4 ގަ އެވެ.