Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

ތެޔޮ ހޯދަން އުޅެގެން މައި ދެ ސިނާއަތް ހަލާކުވެދާނެ

ސްޕެޝަލް އިކޮނޮމިކް ޒޯންތަކުގައި (އެސްއީޒެޑް) އިންވެސްޓް ކުރެވޭނެ އިގުތިސާދީ ހަރަކާތްތަކުގެ ދާއިރާތަކުގެ ތެރޭގައި ކަނޑުއަޑިން ތެލާއި މިނެރަލް ހޯދުމުގެ ހިމަނާފައިވާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް އޭގެ ސަބަބުން ނަމަ ރާއްޖޭގެ މައި ދެ ސިނާއަތް ކަމަށްވާ ޓޫރިޒަމާއި މަސްވެރިކަމަށް ވެސް ގެއްލުން ވާނެ ކަމަށް ކުރީގެ އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި އޭނަ މިއަދު ވިދާޅުވީ ރާއްޖޭގެ ކަނޑު އަޑިން މައިނިންގެ މަސައްކަތާއި ތެޔޮ ހޯދުމަށް މަގުފަހިވާ ގޮތަށް ގާނޫނީ ގޮތުން ބާރުދިނުމަކީ ކަންބޮޑުވުމެއް ކަމަށާއި މިއީ ރާއްޖޭގެ ކަނޑުއަޑީގެ ދިރުންތަކަށް އޮތް ނުރައްކަލެއް ކަމަށެވެ.

"މީގެ ސަބަބުން ރާއްޖޭގެ މަސްކަނޑުތައް ސުންނާފަތިވެ، ފަތުރުވެރިކަމަށް އޭގެ ނޭދެވޭ އަސަަރު ކުރާނެ." ޝަުނާ ލިޔުއްވި އެވެ.

މަދުވެގެން 100 މިލިއަން ޑޮލަރު އިންވެސްޓްކުރަން ޖެހޭ އިގުތިސާދީ މަސައްކަތްތަކުގެ ލިސްޓަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ބަދަލު ގެންނަެވި އިރު، ، އެ ލިސްޓުގައި ގޭސް އެކްސްޕްލޮރޭޝަންގެ މަސައްކަތްތަކާ އެކު ތެލާއި ގޭހާއި މިނެރަލް ހޯދުމުގެ މަސައްކަތް ހިމަނާފައިވެ އެވެ.

އެހެންވެ އެކަމާ ގުޅޭ ގޮތުން ޝައުމާ ވިދާޅުވީ ގާނޫނަށް ރައީސް ގެންނެވި ބަދަލަކީ ދުރު ވިސްނުމެއް ނެތި ނިންމަވާފައިވާ އަދި އޭގެ ސަބަބުން އިއާދަނުކުރެވޭނެ ފަދަ ގެއްލުންތަކެއް ރާއްޖެ އަށް ލިބިދާނެ ކަމެއް ކަމަށެވެ.