Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

އިންތިޚާބަށް ހުށަހެޅި 2،155 ފޯމު ބަލައިގެންފި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރުމަށް ހުށަހެޅި 2،155 ކެންޑިޑޭޓުންގެ ފޯމު އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފި އެވެ.

އީސީން މިއަދު އާއްމުކުރި ތަފާސް ހިސާބުތަކުގައިވާ ގޮތުން ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގައި ވާދަކުރުމަށް 10 ދުވަހުގެ ތެރޭގައި 2،889 ފޯމު ވަނީ ހުށަހަޅާފަ އެވެ.

ކައުންސިލްތަކަށް ވާދަކުރުމަށް ހުށަހެޅި ފޯމުތަކުގެ ތެރެއިން ކެންޑިޑެސީ ގަބޫލު ކޮށްފައިވަނީ 1،189 ފޯމެވެ. ކެންޑިޑެސީ ގަބޫލު ނުކުރާ 262 ފޯމު ހުށަހަޅާފައިވާއިރު، 182 ފޯމަކީ އަލުން ހުށަހެޅި ފޯމު ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.

ކައުންސިލް އިންތިހާބަށް ސިޔާސީ ޕާޓީތަކުން ހުށަހެޅި 961 ފޯމު ވަނީ ބަލައިގެންފަ އެވެ. އަދި އަމިއްލަ ގޮތުން ހުށަހެޅި 228 ފޯމު ވެސް ވަނީ ބަލައިގެންފަ އެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް ހުށަހެޅި ފޯމުތަކުގެ ތެރެއިން ކެންޑިޑެސީ ގަބޫލުކޮށްފައިވަނީ 966 ފޯމެވެ. އަދި 174 ފޯމު ބަލައިގެންފައި ނުވާއިރު، އަލުން 116 ފޯމު ވަނީ ހުށަހަޅާފަ އެވެ.

މިފަހަރުގެ އިންތިހާބުގައި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް ހިމެނޭ ގޮތަށް ޖުމްލަ 629 ކައުންސިލަރުން އިންތިހާބު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.