Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ކަނޑުން ތެލާއި މިނަރަލް ހޯދާނީ ގެއްލުން ނުވާ ގޮތަށް

މިނިސްޓަރު އަހުމަދު ޝިޔާމް- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ކަނޑުގެ އަޑިން ތެލާއި މިނެރަލް ހޯދުމުގެ މަސައްކަތް ކުރާނީ ތިމާވެއްޓަށް ގެއްލުން ނުވާގޮތަށް ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ސްޕެޝަލް އިކޮނޮމިކް ޒޯންތަކުގައި (އެސްއީޒެޑް) އިންވެސްޓް ކުރެވޭނެ އިގުތިސާދީ ހަރަކާތްތަކުގެ ދާއިރާތަކުގެ ތެރޭގައި ކަނޑުއަޑިން ތެލާއި މިނެރަލް ހޯދުމުގެ މަސައްކަތް ވަނީ ހިމަނައިފަ އެވެ. އެކަމުގެ ކަންބޮޑުވުން ކުރީގެ އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ މިއަދު ވަނީ ފާޅުކުރައްވާފަ އެވެ.

މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝިޔާމް ވިދާޅުވީ ދުނިޔޭގެ ނިސްބަތުން އެންމެ ބޮޑު "ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު" ލިބިފައިވާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭއިރު، ގާތްގަނޑަކަށް 900،000 އަކަ ކިލޯމީޓަރުގެ މި ބޮޑު ސަރަހައްދުން މިހާތަނަށް ރާއްޖެއިން ބޭނުންކުރަމުން އައީ ހަމައެކަނި ކަނޑުމަހުގެ މަސްވެރިކަމުގެ ތެރެއިން ވަރަށް ކުޑަ މިންވަރެއް ކަމަށެވެ.

ކަނޑުގެ މި ބޮޑު މުއްސަނދިކަން ފަރުވާތެރިކަމާއެކު ދިރާސާކޮށް ތަރައްގީކުރުމަކީ، ދެމެހެއްޓެނިވި ގޮތެއްގައި ވަސީލަތްތައް ބޭނުންކުރުމަށް ހުޅުވިގެންދާނެ އާ މަގުތަކެއް ކަމަށާއި މިކަން ކުރިއަށް ގެންދާނީ ގައުމީ މަސްލަހަތު އިސްކުރާ، ގާބިލު އަދި އިތުބާރު ހުރި އިންވެސްޓަރުންނާ ގުޅިގެން އަދި މޫސުމީ ބަދަލުތަކުގެ ނުރައްކާ އެންމެ ބޮޑަށް އޮތް އެއް ގައުމަށް ވީތީ، މިފަދަ ކޮންމެ އާ ހަރަކާތެއްގައިވެސް ސަރުކާރުން އަމަލުކުރާނީ ނުހަނު ފަރުވާތެރިކަމާއެކުގައި ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"ކަނޑުގެ ވަސީލަތްތައް ހޯދުމަށް ހިންގޭ ކޮންމެ މަޝްރޫއަކީވެސް ތިމާވެއްޓަށް ކުރާނެ އަސަރުތައް ބަލާ ވަރުގަދަ، ދެފުށް ފެންނަ ދިރާސާތަކެއްގެ މައްޗަށް ބިނާވެފައިވާ މަޝްރޫއުތަކަކަށް ވާނެއެވެ. އަދި ދިރުންތަކާއި ތިމާވެށީގެ ރައްކާތެރިކަމާމެދު އެއްވެސް ދޫދިނުމެއް ނޯންނާނެއެވެ،" ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ އިގްތިސާދީ ގޮތުން ބަލާއިރު، މި ބަދަލުތަކުގެ ސަބަބުން އާ އީޖާދުތަކަށް މަގުފަހިވެ، "ނޫ އިގްތިސާދު"ގެ ތެރެއިން އުފެދޭ ފުރުސަތުތަކުގެ މަރުކަޒަކަށް ރާއްޖެ ވެގެންދާނެ ކަމަށެވެ. މީގެ ސަބަބުން މެރިން ޖިއޮލޮޖީ، ސަބްސީ އިންޖިނިއަރިންގް، އެންވަޔަރަންމަންޓަލް ސައިންސް ފަދަ ހާއްސަ ދާއިރާތަކުން ފަންނީ އަދި މަތީ ފަންތީގެ ވަޒީފާގެ ފުރުސަތުތައް އުފެދި، ދިވެހިންގެ ގާބިލުކަމާއި ތަޖުރިބާ އިތުރުވެގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.