Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ގިރާވަރުފަޅުން ދޫކުރާ ގޯތީގެ ގުރުނެގުން ހޮނިހިރު ދުވަހު

ގިރާވަރުފަޅުގެ އައު ލޭންޑް ޔޫސް ޕްލޭނެއް ތައްޔާރުކޮށް، އެ ޕްލޭނުގެ ދަށުން ގޯތި ލިބުނު ސަރަހައްދުތަކަށް ބަދަލު އައިސްފައިވާތީ، ގޯތީގެ އައު ލޮޓް ނަންބަރުތައް ކަނޑައެޅުމަށްޓަކައި ގުރު ނެގުން އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހައުސިން މިނިސްޓްރީން ނިންމައިފި އެވެ.

ހައުސިން މިނިސްޓްރީން ބުނީ ކުރިން ހަދާފައިވާ ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭންގައި 610 ގޯތި މަދުވާތީ، އާ ލޭންޑް ޔޫސް ޕްލޭނެއް ތައްޔާރުކޮށް މިދިޔަ ހޯމަ ދުވަހު ގެޒެޓްކޮށްފައިވާ ކަމަށެވެ. އާ ޕްލޭނާއެކު އެފަޅުން 4،072 ގޯތި ދޫކުރާނެ އެވެ.

އެ ބަދަލާއެކު، ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ކަނޑައެޅިފައިވާ ބިމުގެ ސަރަހައްދުތަކަށް ބަދަލު އައިސް، އާ ލޮޓް ނަންބަރު ކަނޑައަޅާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެހެންކަމުން، އާ ޕްލޮޓްތަކުގެ ގުރު ނެގުން އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 9:30 ގައި ސޯޝަލް ސެންޓަރުގަ އެވެ.

ގިރާވަރުފަޅުން ދޫކުރާ ގޯތީގެ ތަފްސީލު:

1250 އަކަފޫޓުގެ 2603 ގޯތި
1650 އަކަފޫޓުގެ 1214 ގޯތި
2050 އަކަފޫޓުގެ 254 ގޯތި
2450 އަކަފޫޓުގެ 01 ގޯތި

ގުރުއަތުލުމުގެ ކަންކަން ކުރިއަށް ގެންދާނީ އެ ވުޒާރާގެ މުވައްޒަފުންނެވެ. ކޮންމެ ޕްލޮޓަކަށް އެއް ފަރާތަކަށް ގުރުއަތުލާ ސަރަހައްދަށް ވަދެވޭނެއެވެ. ގޯތީގެ ވެރިފަރާތުގެ ބަދަލުގައި އެހެން މީހަކު ހާޒިރުވާނަމަ، ވެރިފަރާތުގެ އައިޑީ ކާޑު ކޮޕީއާއި ބަދަލުގައި ހާޒިރުވާ ފަރާތުގެ އައިޑީ ކާޑު ކޮޕީގެ އިތުރުން އެކަން އަންގައިދޭ ލިޔުމެއް ގެންނަން ޖެހޭނެއެވެ.

ގުރުއަތުލުން ކުރިއަށްދާއިރު، ގޯތި ލިބިފައިވާ ފަރާތަށް ހަމަޖެހޭ ޕްލޮޓް "ހިޔާވެހި" ޕޯޓަލްއިން ވަގުތުން ފެންނާނެ ކަމަށާއި، އެސްއެމްއެސްގެ ޒަރިއްޔާއިން ވެސް އެ މައުލޫމާތު ހިއްސާކުރާނެ ކަމަށް ވުޒާރާއިން ބުނެއެވެ. މި ހަރަކާތް ޕީއެސްއެމް މެދުވެރިކޮށް ވަގުތުން ދެއްކުމަށް ވެސް ވަނީ ހަމަޖެހިފައެވެ. ގުރުއަތު ނިމުމުން ގޯތި ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމާއި ރަޖިސްޓަރީ ހަވާލުކުރުމުގެ ކަންކަން ކުރިއަށްދާނެ ގޮތް ފަހުން އިއުލާން ކުރާނެއެވެ.