ފަހު ވަގުތު ކީޕަރު ޖެހި ގޯލުން ރެއާލް މެޑްރިޑް 4-2 އިން ބަލިކޮށް، ޕޯޗުގަލްގެ ބެންފީކާއިން ޗެމްޕިއަންސް ލީގުގެ ޕްލޭއޮފުން ޖާގައެއް ހޯދައިފި އެވެ.
ޗެމްޕިއަންސް ލީގުގެ ލީގު ބުރުގައި 36 ޓީމެއް ވާދަކުރިއިރު، ކޮންމެ ޓީމަކުން ވެސް ޖުމްލަ އަށް މެޗު ކުޅެފައިވެ އެވެ. ލީގު ބުރު ނިމުނުއިރު އެންމެ ގިނަ ޕޮއިންޓު ހޯދި ގަދަ އަށް ޓީމު މުބާރާތުގެ ގަދަ 16 އަށް ވަނީ ދަތުރުކޮށްފަ އެވެ.
އަދި ނުވަ ވަނައިން ފެށިގެން 24 ވަނަ އާ ދެމެދުގައި ހިމެނޭ ޓީމުތައް ދެވަނަ ބުރަށް ދިޔުމަށް ކުޅޭނީ ޕްލޭއޮފް ބުރެކެވެ. އޭގެެއިން މޮޅުވާ އަށް ޓީމަކަށް ގަދަ 16 އިން ޖާގަ ލިބޭނެ އެވެ.
މެންޗެސްޓާ ސިޓީން ލީގު ބުރު ނިންމާލީ 24 ވަނައިގައި އޮވެ އެވެ. އަދި ރެއާލް ލީގު ބުރު ނިންމާލީ 9 ވަނައިގައި އޮވެ އެވެ. ޕްލޭއޮފް ބުރުގެ ގުރުނެގުން މާދަމާ ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ބެންފީކާގެ ދަނޑުގައި ކުޅުނު މި މެޗުގެ 30 ވަނަ މިނެޓްގައި ކިލިއަން އެމްބާޕޭ ވަނީ ރެއާލަށް ލީޑު ނަގައިދީފަ އެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ބެންފީކާ އިން ވަނީ ދެ ގޯލު ކާމިޔާބުކޮށް ލީޑު ނަގައިފަ އެވެ. މި ދެ ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ އަންދްރޭސް ޝެލްޑްރަޕް އާއި ވެންޖެލިސް ޕަވްލީޑިސް އެވެ.
ދެވަނަ ހާފްގެ ކުރީކޮޅު ޝެލްޑްރަޕް ބެންފީކާގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިންއިރު، މެޗުގެ 58 ވަނަ މިނެޓްގައި އެމްބާޕޭ ވަނީ ރެއާލަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފަ އެވެ. ބެންފީކާ އަށް ޕްލޭއޮފުން ޖާގަ ލިބުނީ މެޗުގެ އެންމެ ފަހު ސިކުންތުކޮޅުތެރޭ އެޓީމުގެ ކީޕަރު އެންޓޮއިލީ ޓްރުބިން ޖެހި ގޯލުންނެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ ބެންފީކާގެ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ބޮލުން ގޯލަށް ވައްދާލައިގެންނެވެ.
މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ރެއާލްގެ ދެ ކުޅުންތެރިން ކަމަށްވާ ރޮޑްރިގޯ އާއި ރައުލް އެސެންސިއޯ އަށް ދެއްކި ރަތްކާޑާއެކު ރެއާލުން މެޗު ނިންމާލީ 9 ކުޅުންތެރިންނާއެކު އެވެ.
ގަދަ 16 އިން މިހާތަނަށް ޖާގަ ހޯދި ޓީމުތައް: އާސެނަލް، ބަޔާން މިއުނިކް، ލިވަޕޫލް، ޓޮޓެންހަމް، ބާސެލޯނާ، ޗެލްސީ، ސްޕޯޓިން ލިސްބަން، މެންޗެސްޓާ ސިޓީ
ޕްލޭއޮފުން ޖާގަ ހޯދި ޓީމުތައް: ރެއާލް މެޑްރިޑް، އިންޓަ މިލާން، ޕީއެސްޖީ، ނިއުކާސަލް ޔުނައިޓެޑް، ޔުވެންޓަސް، އެތްލެޓިކޯ މެޑްރިޑް، އެޓަލާންޓާ، ބަޔާ ލެވަކޫސަން، ބްރޫޝިއޯ ޑޯޓްމަންޑް، އޮލިމްޕިއާކޯސް، ކްލަބް ބްރޫޖް، ގަލަތަސަރާއި، މޮނާކޯ، ގަރަބާގް، ބޯޑޯ ގްލިމްޓް، ބެންފީކާ