މި މަހުގެ ތެރޭގައި ޝޫޓިން ފަށަން ޕްލޭންކޮށްފައި ވަނިކޮށް ރަންވީރު ސިންގް 'ޑޮން 3' ދޫކޮށްލުމާ ގުޅިގެން އެ ފިލްމުގެ މަސައްކަތް ދެން މި ވަގުތު ކުރިއަށް ނުގެންދަން ނިންމައި ޑައިރެކްޓަރު ފަރުހާން އަޚްތަރު މީގެ ފަސް އަހަރު ކުރިން އިއުލާންކުރި 'ޖީ ލޭ ޒަރާ' ގެ މަސައްކަތް ފަށަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އޮގަސްޓް 10، 2021 ގައި އިއުލާންކުރި މި ފިލްމަކީ ތިން އަންހެން އެކުވެރިންގެ ވާހަކަ ކިޔައިދޭނެ ރޯޑް-ޓްރިޕް ފިލްމެކެވެ.
'ޖީ ލޭ ޒަރާ' ގެ ކާސްޓަށް ނަގާފައި ވަނީ ޕްރިޔަންކާ ޗޯޕްޅާ އާއި އާލިއާ ބަޓްގެ އިިތުރުން ކެޓްރީނާ ކައިފެވެ. ނަމަވެސް މީގެ މަސައްކަތް ނުފެށި ދިގުލައިގެން ދިޔައީ ތަރިންނަށް ތާރީހުތައް ހަމަޖައްސަން ކުރިމަތިވި ގޮންޖެހުންތަކާ ހެދި އެވެ.
އެހެންވެ 'ޖީ ލޭ ޒަރާ' ވާނުވާ އަށް ދިއުމާ ގުޅިގެން ފަރުހާން 'ޑޮން 3' އިއުލާންކުރީ އޮގަސްޓް 9، 2023 ގަ އެވެ.
ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ 'ޖީ ލޭ ޒަރާ' ގެ މަސައްކަތް ފަށަން ފަރުހާން ތައްޔާރުވާތީ ފިލްމަށް ނެގި އޮރިޖިނަލް ކާސްޓުންނާ އެކު މިހާރު މަޝްވަރާތަކެއް ކުރިއަށްދާ ކަމަށެވެ. އަދި އެއިން ތަރިއަކަށް ވަގުތު ދެވެން ނެތް ކަމަށް ކާސްޓަށް ބަދަލުތަކެއް ގެނެސް މި އަހަރުގެ މެދު ތެރޭގައި ފިލްމުގެ ޝޫޓިން ފަށަން ޕްލޭން ކުރަމުން އަންނަ ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.
ނަމަވެސް މިކަމާ ބެހޭ ގޮތުން ރަސްމީކޮށް އަދިއެއް ފަރުހާންގެ އެއްވެސް ބަހެއް ނެތެވެ.
ފިރިހެން ތިން އެކުވެރިއެއްގެ ވާހަކަ ކިޔައިދިން 2003 ގެ ކާމިޔާބު ރޯޑް-ޓްރިޕް ފިލްމު 'ދިލް ޗާތާ ހޭ' އިން ޑައިރެކްޝަނަށް ނުކުތް ފަރުހާން އަކީ ޝާހްރުކް ޚާނާއި ޕްރިޔަންކާގެ 'ޑޮން' ދެ ފިލްމުގެ އިތުރުން ރިތިކް ރޯޝަންގެ 2004 'ލަކްޝް' ގެ ވެސް ޑައިރެކްޓަރެވެ.
ޑައިރެކްޓަރެއްގެ އިތުރުން ފަރުހާނަކީ އެކްޓަރެއް ވެސް މެ އެވެ. އެކްސަލް އެންޓަޓައިންމަންޓްގެ ނަމުގައި ޕްރޮޑަކްޝަން ހައުސްއެއް ވެސް ހިންގަމުން އަންނަ ފަރުހާންގެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރުގެ '120 ބަހާދޫރު' އިންނެވެ.
އޭނަ 'ޖީ ލޭ ޒަރާ' އަށް ތައްޔާރުވާ އިރު، 'ޑޮން 3' ޝާހްރުކާއި ރިތިކް އަށް ހުށަހެޅިކަމުގެ އަޑުތަކެއް ވެސް ދާދި ފަހުން އަރާފައިވެ އެވެ.