ނ. އަތޮޅުގައި ތަރައްގީ ކުރަން ނިންމާފައިވާ 'އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް' މަޝްރޫއުގެ ބިންގާ އަޅައިފި އެވެ.
އެ މަޝްރޫޢުގެ ބިންގާ އަޅުއްވައި ދެއްވީ މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުޙައްމަދު މުއިއްޒެވެ.
'އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް' މަޝްރޫއަކީ ރާއްޖޭގެ ސްޕެޝަލް އިކޮނިމިކް ޒޯން (އެސްއީޒެޑް) ގެ ދަށުން ހިންގާ ފުރަތަމަ ބޮޑު މަޝްރޫއު އެވެ.
ސަރުކާރުން މި މަޝްރޫއު ކުރިއަށް ގެންދަން ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ މިދިޔަ ޑިސެމްބަރު 11 ގަ އެވެ. މަޝްރޫއު ކުރިއަށްގެ ގެންދަނީ ނ. އަތޮޅުގެ ދިގުފަރު ފަޅާއި، ދެކުނުފަރު އަދި ކުރަމާދޫ ހިމެނޭ ސަރަހައްދުގަ އެވެ. މިއީ ޖުމްލަ 790 މިލިޔަން އެމެރިކާ ޑޮލަރު (12.2 ބިލިއަން ރުފިޔާ) ގެ އިންވެސްޓްމެންޓެކެވެ.
މި މަޝްރޫޢަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިދިޔަ އަހަރުގެ މާޗްގައި ފަށައޮ މަހު ފަށައި، ޑިސެންބަރު މަހުގެ ނިޔަލަށް އޮތީ ނިންމައިފަ އެވެ.
ސަސްޓެއިނަބަލް ޓައުންޝިޕް 2028 ގެ ކުރިން އޮޕަރޭޝަނަށް ގެނައުމަށް އޮތީ އަމާޒު ހިފައިފަ އެވެ.
ސަރުކާރުން ބުނެފައި ވަނީ މަޝްރޫއު ނިމުމުން މިއީ ދުނިޔޭގެ ފެންވަރުގައި ފާހަގަ ކުރެވޭނެ ދެމެހެއްޓެނިވި ތަރައްގީގެ ނަމޫނާއަކަށް ވާނެ ކަމަށެވެ.
'އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް' ގައި ލަގްޒަރީ ފެންވަރުގެ މެހެމާންދާރީގެ ޚިދުމަތްތަކާއި ރެސިޑެންޝަލް ބައިތައް ހިމެނޭނެ އެވެ. މީގެ އިތުރުން މުހިންމު އިޖުތިމާއީ އަދި އިގްތިސާދީ ދާއިރާތައް ވެސް މި ޓައުންޝިޕްގައި ހިމެނެ އެވެ. އޭގެ ތެރޭގައި، ރާއްޖެ އަކީ މެޑިކަލް އަދި ވެލްނެސް ޓޫރިޒަމްގެ މައިގަނޑު މަންޒިލެއްގެ ގޮތުގައި ފާހަގަކުރާ، އެންމެ ޒަމާނީ މެޑިކަލް ފެސިލިޓީއަކާއި، ބައިނަލްއަގްވާމީ ފެންވަރުގެ ހޮސްޕިޓާލިޓީ އަދި ލީޑަޝިޕް ސްކޫލެއް ހިމެނެ އެވެ. އަދި ކާނާގެ ރައްކާތެރިކަން ހަރުދަނާކުރުމަށް އަމާޒުކޮށް ތަރައްގީކޮށް، ދަނޑުވެރިކަމާއި މަސްވެރިކަމުގެ ނިޒާމްތައް ހިންގާނެ ވަކި ރަށެއްވެސް ހިމެނެ އެވެ.
މި މަޝްރޫޢަށް ބޭނުންވާ ކަރަންޓުގެ މަދުވެގެން 60 ޕަސެންޓް އުފައްދާނީ އިޔާދަކުރަނިވި ހަކަތައިންނެވެ.