Last Updated: June 6, 06:06
Saturday, June 6, 2026
މުނިފޫހިފިލުވުން

އަރިޖިތު ޑައިރެކްޓްކުރާ ފިލްމު ބާރަށް ކުރިއަށް

ފިލްމުތަކަށް ލަވަކިޔުން ހުއްޓާލިކަން އިއްޔެ ރޭ އިއުލާންކުރި އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަރިޖިތު ސިންގް ޑައިރެކްޓް ކުރަން ހަމަޖެހިފައިވާ ފުރަތަމަ ހިންދީ ފިލްމުގެ ޝޫޓިން ވަރަށް ބާރަށް ކުރިއަށްދާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އޭނަ ޑައިރެކްޝަނަކަށް ތައްޔާރުވަމުން އަންނަ ވާހަކަ މީޑިއާތަކުން ރިޕޯޓްކުރީ މިދިޔަ އަހަރު ޖުލައި މަހުގެ ތެރޭގަ އެވެ. އޭރު މީޑިއާތަކުން ބުނީ އަރިޖިތު، 38، ޑައިރެކްޓްކުރާ ފުރަތަމަ ބޮލީވުޑްގެ ޕްރޮޑިއުސަރަކީ ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ މަހާވީރު ޖެއިން ކަމަށެވެ.

މިއާ ބެހޭ އެންމެ ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި ޖަންގަލް އެޑްވެންޗާއެެއްގެ ގޮތުގައި ހަދާ ފިލްމަކީ އަރިޖިތު އާއި އަންހެނުން ކޯއެލް ރޯއި ގުޅިގެން ލިޔެފައިވާ ސްކްރީންޕްލޭއަކަށް ހަދާ ފިލްމެކެވެ. އަދި މިހާރު ޝޫޓިން ޝާންތިނީކޭތަންގައި ކުރިއަށްދާ އިރު، ފިލްމުގެ ލީޑް ބަތަލުގެ ރޯލު ކުޅެނީ އަރިޖިތުގެ ދެ ފިރިހެން ކުދިންގެ ތެރެއިން ދޮށީ ދަރިފުޅެވެ.

ރިޕޯޓްތައް ބުނާ ގޮތުން ފިލްމުގެ ބަތަލާ އަކީ ކުޅަދާނަ ޑައިރެކްޓަރު ނަވާޒުއްދީން ސިއްދީގެ ދަރިފުޅު ޝޯރާ އެވެ. އަދި ފިލްމުގެ ހާއްސަ ރޯލަކުން ނަވާޒުއްދީނާއި ދިބިޔެންޑޫ ބަޓަޗަރިއާ ވެސް ފެންނާނެ އެވެ.

މީޑިއާތަކުން ބުނީ އަރިޖިތުގެ މި ފިލްމު ނިންމައި އާންމުކޮށް ސިނަމާތަކަށް ގެނައުމުގެ ކުރިން ބޭރުގެ ބޮޑެތި ބައެއް ފެސްޓިވަލްތަކަށް ފިލްމު ގެންދަން ހަމަޖެހިފައިވާ ކަމަށެވެ.

މަގުބޫލު އެތައް ލަވައެއް ކިޔާފައިވާ ކުޅަދާނަ ލަވަކިޔުންތެރިޔާ ހިންދީ ފިލްމެއް ޑައިރެކްޓް ކުރަމުން އަންނަ އިރު، 2018 ގައި 'ސަ' ކިޔާ ބެންގާލީ ފިލްމެއް ވެސް ޑައިރެކްޓްކޮށްފައިވެ އެވެ.