Last Updated: June 4, 23:58
Thursday, June 4, 2026
ރިޕޯޓް

ފޮރިން އިންވެސްޓްމަންޓާއި ރާއްޖޭގެ ތަރައްޤީ

ފޮރިން އިންވެސްޓްމަންޓަކީ ދުނިޔޭގެ ގިނަ ޤައުމުތަކުގެ އިޤްތިޞާދީ ތަރައްޤީއަށް މުހިންމު ދައުރެއް އަދާކުރާ ކަމެކެވެ. ނަމަވެސް ދިވެހި ރާއްޖެ އަށް ބަލާއިރު، ޚާއްޞަކޮށް ޓޫރިޒަމް ފަދަ މައިގަނޑު ދާއިރާތަކަށް ބޭރުގެ އިންވެސްޓްމަންޓަކީ ކޮންމެހެން ވެސް ބޭނުން ވާނެ އެއްޗެއް ކަމަށް ގަބޫލުކުރާ ބަޔަކު ރާއްޖޭގައި އެބަ ތިއްބެވެ. މިފަދަ ފިކުރުތައް ސަރުކާރުގެ ޕޮލިސީ ލެވެލްގައި ވެސް ގެންގުޅެމުން ދަނީ، އެއީ ރަނގަޅު، މޮޅު ކަމެއް ކަމަށް ދެކިގެންނެވެ.

ނަމަވެސް، މި މައްސަލައަށް ފުންކޮށް ބަލާއިރު، މިކަމުގައި ދިވެހިންގެ އަމިއްލަ ޤާބިލުކަން މާ ބޮޑުކަން ހާމަވެއެވެ. ވަކިން ޚާއްސަކޮށް ގެސްޓުހައުސް ޓޫރިޒަމްގެ ދާއިރާގައެވެ.

ހަގީގަތަކީ، މިހާރު ޓޫރިޒަމްގެ ދާއިރާއިން ފެންނަ ކަންކަމަކީ ދިވެހި އިންވެސްޓަރުންނަށްވެސް ކުރެވޭވަރުގެ ކަންކަމެކެވެ. ރާއްޖޭގެ ޓޫރިޒަމް ބިނާކޮށް ކޮޅަށްޖެހީ ދިވެހިންނެވެ. އެއީ މިހާރަށް ވުރެ ރާއްޖެ މާ ފަގީރު ޒަމާނެއްގައި، ދިވެހިންގެ އަމިއްލަ ހިތްވަރާއި މަސައްކަތުންނެވެ.

އެހެންކަމުން، ބޭރުގެ އިންވެސްޓަރުން ރިސޯޓްތަކަށް އިންވެސްޓްކުރުމާ އަހުރެން ދެކޮޅު ހަދަމެވެ. ވަގުތުން މަދު ފައިސާކޮޅެއް ލިބުނަސް، އެއިން ނުކުންނަ ނަތީޖާއަކީ އަހެރެމެންގެ ވަސީލަތްތައް ދިގުމުއްތަތުތަކަށް ގެއްލިގެންދިއުމެވެ. އަދި އެ ލިބޭ ފައިސާކޮޅުވެސް އިންވެސްޓް ކުރުމުގެ ބަދަލުގައި، ބޭނުންކޮށް ހުސްކޮށްލެވެނީ ކަން ފާހަގަކުރެވެއެވެ.
މި
ކަމާ ގުޅިގެން، ކުރީގެ ރައްޔިތުންގެ މަޖިލިސްގެ މާލޭ މެންބަރު އިބްރާހިމް އިސްމާޢީލް، އެ މަނިކުފާނުގެ ފޭސްބުކްގައި ހިއްސާކު ރެއްވި ޚިޔާލެއްގައި ވިދާޅުވެފައި ވަނީ، "ތަރައްޤީގެ ސްޕީޑް ދަށްކުރަން ޖެހުނު ނަމަވެސް، އަޅުގަނޑުމެންގެ ރައުސުލްމާލު އަޅުގަނޑުމެންގެ އަތްމަތީގައި ބަހައްޓައިގެން، ވީވަރަކުން މަސައްކަތް ކުރަމުން ދިއުމަކީ މާ ރަނގަޅު ގޮތެކެވެ." މި ބަސްފުޅަކީ ވަރަށް ބޮޑަށް އެއްބަސްވެވޭ ތެދުފުޅެކެވެ.

މިއީ އަޅުގަނޑުމެންގެ އަމިއްލަ އިޤްތިޞާދީ މިނިވަންކަން ދެމެހެއްޓުމަށްޓަކައި މުހިންމު އަސާސެކެވެ. އަދި މިއީ ދިވެހިރާއްޖޭގެ ތަރައްޤީއަށް ދިވެހިންގެ ފުރިހަމަ ބާރު ދިގުމުއްދަތަކަށް އޮތުން ކަށަވަރުކުރުމަށްޓަކައިވެސް އެޅޭނެ މުހިންމު ފިޔަވަޅެކެވެ.

ނަމަވެސް، ބޭރުގެ އިންވެސްޓަރުންނަށް ރާއްޖޭގައި އިންވެސްޓުކުރުމުގެ ފުރުސަތު ދެވުން މުހިންމު ދާއިރާތައްވެސް އެބަހުއްޓެވެ. ދިވެހިންނަށް އަމިއްލައަށް ހިންގޭވަރަށްވުރެ ބޮޑެތި، ބަރުހަނާރު މަޝްރޫޢުތަކަށް، މިސާލަކަށް ބޮޑެތި ކާރުޚާނާތަކާއި، ވިޔަފާރި ސިޓީތަކާއި، ބަނދަރުތައް ފަދަ ކަންކަމަށް ބޭރުގެ އިންވެސްޓަރުންނަށް މަރުޙަބާ ދެންނެވުމަކީ އެއްވެސް މައްސަލައެއް ނޫނެވެ. މީގެ އިތުރުން ވެސް، 500 މިލިއަން އެމެރިކާ ޑޮލަރަށް ވުރެ ކުޑަ ނޫން ކޮންމެ ކަމަކަށް ވެސް ބޭރުގެ އިންވެސްޓަރުންނަށް ރާއްޖޭގައި އިންވެސްޓުކުރުމުގެ އިންތިޒާމުތައް ހަމަޖެއްސިދާނެއެވެ.

މިފަދަ ބޮޑެތި މަޝްރޫޢުތަކުން ޤައުމަށް ލިބޭނެ ފައިދާ ބޮޑުވެފައި، ދިވެހިންނަށް އަމިއްލައަށް ނުހިންގޭނެ ކަންކަމުގައި ބޭރުގެ އެހީތެރިކަން ހޯދުމަކީ ބުއްދިވެރިކަމުގެ މަގުކަމުގައި ދެކެމެވެ. ވުމާއެކު، ބޭރުގެ އިންވެސްޓުމެންޓުތައް ބަލައިގަންނަންވާނީ ވަކި އުޞޫލުތަކެއްގެ ތެރެއިން، ޤައުމުގެ އެންމެ މަތީ މަޞްލަޙަތު ހިމާޔަތް ކުރެވޭނެ ގޮތަކަށެވެ.

ދިވެހިންނަށް ކުރެވޭނެ ކަންކަމުގައި ދިވެހިންނަށް އިސްކަންދީ، ޤައުމުގެ ވަސީލަތްތައް ދެމެހެއްޓެނިވި ދިގު މުއްދަތަކަށް ދިވެހިންނަށް ބޭނުން ކުރެވޭނެ ގޮތް ހެދުމަކީ ރާއްޖޭގެ މުސްތަޤްބަލަށްޓަކައި އަޅުގަނޑުމެން ކޮންމެހެން ވެސް ކުރަން ޖެހޭ މުހިންމު ކަމެކެވެ.