Last Updated: June 8, 20:40
Monday, June 8, 2026
ޚަބަރު

ނިލަންދޫގައި 50 އެނދުގެ ހޮޓަލެއް އަޅާނެ ބަޔަކު ހޯދަނީ

ފ. ނިލަންދޫގައި ޓޫރިސްޓު ހޮޓަލެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއިން ބީލަމަށް ހުޅުވާލައިފި އެވެ.

އެރަށުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް، ޓޫރިސްޓް ހޮޓަލެއް ތަރައްޤީކުރުމަށް ކަނޑައަޅާފައިވަނީ 13,300 އަކަފޫޓުގެ ބިމެއްގަ އެވެ. މި ހޮޓަލުގައި މަދުވެގެން 50 އެނދު ހުންްނަންޖެހޭނެ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ. ބިން ދޫކުރުމަށް ހަމަޖެހިފައިވަނީ 50 އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށާއި އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން 24 މަސްދުވަސްތެރޭގައި އަމަލީ މަސައްކަތްތައް ފަށަންޖެހޭނެ ކަމަށް އެވުޒާރާއިން ބުނެއެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއިން ބުނީ، ނިލަންދޫގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 24 ވަނަ ދުވަހު ވަރޗުއަލްކޮށް ބާއްވާ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ، 1 އެޕްރީލްގެ 12:00 ގައި ބީލަން ހުށަހަޅަންޖެހޭނެ ކަމަށެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް އަންނަ މަހުގެ 23 ވަނަ ދުވަހުގެ 12:00 ގެ ކުރިން އެ ވުޒާރާގެ އީމެއިލަށް ނަމާއި، އީމެއިލް އެޑްރެސް، އަދި ފޯން ނަންބަރު ފޮނުވުމަށް އެވުޒާރާއިން އެދިފައިވެއެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާއިން ބުނީ މިކަމާއި ގުޅޭ ބީލަން ފޮތް ހޯމަ ދުވަހުން ފެށިގެން 31 މާރިޗު 2026 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 0900 – 1300އާއި އެ ވުޒާރާގެ ރިސެޕްޝަނުން ލިބޭނެ ކަމަށެވެ.