Last Updated: June 8, 20:40
Monday, June 8, 2026
ޚަބަރު

އިގްތިސާދީ ގުޅުން ބަދަހިކުރަން އޮމާނާއެކު މަޝްވަރާތަކެއް

އިގްތިސާދީ ގޮތުން އިތުރަށް ގުޅަން ބަދަހި ކުރަން އޮމާނާއެކު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފި އެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު، އޮމާންގެ ފިނޭންސް މިނިސްޓަރު ސުލްޠާން ބިން ސާލިމް ބިން ސައިދު އަލް ހަބްސީއާ އެކު ބޭއްވި ބައްދަލުވުމުގަ އެވެ.

މި ބައްދަލުވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޒަމީރު ވިދާޅުވީ މި ބައްދަލުކުރެއްވުމުގައި، ދެ ޤައުމުގެ ދެމެދުގައި ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރެވުނު ކަމަށެވެ.

އަދި ކަނޑުދަތުރުފަތުރާއި މަސްވެރިކަމުގެ ދާއިރާއިން އެކުގައި މަސައްކަތްކުރުމާއި، ރާއްޖޭގައި ހަކަތައާ ގުޅޭ މަޝްރޫޢުތައް ހިންގުމުގެ އިތުރުން، ދެ ފަރާތުން ޝައުޤުވެރިވާ އެހެނިހެން ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރެވިފައިވާ ކަމަށްވެސް ޒަމީރު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މި ދާއިރާތަކުގެ އިތުރުންވެސް ދެ ގައުމަށް ފައިދާހުރި އެހެނިހެން ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ދެ ގައުމުގެ މާލީ ވަޒީރުން ވަނީ މަޝްވަރާ ކުރައްވާފަ އެވެ.