Last Updated: June 5, 22:30
Saturday, June 6, 2026
މުނިފޫހިފިލުވުން

"ދުރަންދަރު" ނެޓްފްލިކްސް އަށް ދޫކޮށްލައިފި

އިންޑިއާގެ މިދިޔަ އަހަރުގެ އެންމެ ބޮޑު ހިޓް ކަމަށްވާ "ދުރަންދަރު" މިއަދު ނެޓްލިކްސް އަށް ދޫކޮށްލައިފި އެވެ.

މި އެކްޝަން ސްޕައި ތުރިލާ އަކީ ޑައިރެކްޓަރު އަދިތިޔާ ދާރުގެ ދެވަނަ ޑައިރެކްޝަނެވެ. ފުރަތަމަ ފިލްމު 2019 ގެ "އުރީ: ދަ ސާޖިކަލް ސްޓްރައިކް" އަށް ފަހު އޭނަ ގެނެސްދިން "ދުރަންދަރު" ހޯދި ބޮޑު ކާމިޔާބީއާ ގުޅިގެން ބަތަލާ ޔާމީ ގޯތަމްގެ ފިރިމީހާ މިހާރު ވެފައި ވަނީ ބޮލީވުޑްގެ އެންމެ ވަރުގަދަ އެއް ޑައިރެކްޝަނަށެވެ.

ޑިސެމްބަރު މަހުގެ 5 ގައި ސިނަމާތަކަށް ގެނައި މި ފިލްމަށް މިހާތަނަށް ބޮކްސް އޮފީހުގައި 1،344.74 ކްރޯޑް ރުޕީސް (146.3 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ލިބިފައިވާ އިރު، ދެ ބަޔަކަށް ގެނެސްދޭން ހަމަޖެހިފައި އޮތް ފިލްމުގެ ޖުމްލަ ބަޖެޓަކީ 475 ކްރޯޑް ރުޕީސް (52 މިލިއަން ޑޮލަރު) އެވެ.

ސިނަމާތަކުގައި އަދިވެސް "ދުރަންދަރު" ދައްކަމުން އަންނަ އިރު، މީގެ ދެވަނަ ބައި އަންނަ މާޗް މަހުގެ 17 ގައި ބެލުންތެރިންނާ ހަމައަށް އަންނާނެ އެވެ. އަދި ވަރަށް އަވަހަށް އޭގެ ޓްރެއިލާ ވެސް އާންމު ކުރާނެ އެވެ.

ކުރިން އުންމީދު ވެސް ނުކުރާ ވަރުގެ ބޮޑު ތަރުހީބެއް ފިލްމަށް ލިބި، މިދިޔަ އަހަރުގެ އެންމެ ބޮޑަށް ހިޓަށް މި ފިލްމުވެގެން ދިޔަ އިރު، ގިނަ ބަޔަކު މިހާރު އަންނަނީ ކެތްތެރި ކަމެއް ނެތި ދެވަނަ ބަޔަށް އިންތިޒާރު ކުރަމުންނެވެ.

"ދުރަންދަރު" ގެ މައިގަނޑު ކާސްޓުންނަކީ ރަންވީރު ސިންގް، އަކްޝޭ ކަންނާ، އަރުޖުން ރާމްޕާލް، ސަންޖޭ ދަތު، އާރް މާދްވަން އަދި ޒުވާން ބަތަލާ ސާރާ އަރުޖުން އެވެ.