Last Updated: June 6, 06:06
Saturday, June 6, 2026
ޚަބަރު

ގިރާވަރުފަޅު ހިއްކަން އަލުން ފަށައިފި

ކ. ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް އަލުން ފަށައިފި އެވެ.

މިކަން ހާމަކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް މިއަދު ހެނދުނު ފަށާފައިވާ ކަމަށެވެ.

ގިރާވަރުފަޅު ހިއްކަނީ ހުޅުމާލޭ ފެސް ތިނެއްގެ ބިން ހިއްކުމަށް ވެސް ބޭނުންކުރި ޑްރެޖަރުތަކުންނެވެ.

ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނެސްފައިވާއިރު ގިރާވަރުފަޅުން 4،072 ގޯތި ދޫކުރަން ނިންމާފައިވެ އެވެ. ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ ގުޅިގެން "ބިންވެރިޔާ" ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ކަނޑައެޅިފައިވާ ބިމުގެ ސަރަޙައްދުތަކަށް ބަދަލު އަންނާނެތީ، އާ ލޮޓް ނަންބަރުތައް ކަނޑައެޅުމަށް އަލުން ގުރުނެގުން މާދަމާ ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ގިރާވަރުފަޅުން ދޫކުރާ ގޯތީގެ އަދަދާއި ބޮޑުމިން:

* 1،250 އަކަފޫޓުގެ 2،603 ގޯތި
* 1،650 އަކަފޫޓުގެ 1،214 ގޯތި
* 2،050 އަކަފޫޓުގެ 254 ގޯތި
* * 2،450 އަކަފޫޓުގެ 01 ގޯތި

ގޯތިތަކަށް ގުރުން ނެގުމަށް ޖެހިފައި ވަނީ މާދަމާ ހެނދުނު 9:30 ގައި ސޯޝަލް ސެންޓަރުގަ އެވެ.

އީއައިއޭ ރިޕޯޓުގައި ވާގޮތުން ގިރާވަރުފަޅުން ޖުމުލަ 169 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެ އެވެ. އަދި މިހާތަނަށް އެ ފަޅުން 56 ހެކްޓަރުގެ ބިން ހިއްކާފައިވެ އެވެ. އެހެންވެ ދެން އިތުރަށް ހިއްކަން ޖެހެނީ 113 ހެކްޓަރުގެ ބިމެވެ. ރިޕޯޓުން ދައް ކާގޮތުގައި ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހިން ހިއްކީ 12 ހެކްޓަރުގެ ބިމެވެ. އަދި ދެވަނަ ފިޔަވަހިން 18 ހެކްޓަރުގެ ބިން ހިއްކާފައިވާ އިރު 3 ވަނަ ފިޔަވަހީގެ ބައިން 26 ހެކްޓަރުގެ ބިން ހިއްކާފައިވެ އެވެ.