Last Updated: June 6, 06:06
Saturday, June 6, 2026
މުނިފޫހިފިލުވުން

އަރިޖިތު ސިޔާސީ ދާއިރާ އަށް ނުކުންނަނީ

ފިލްމުތަކަށް ލަވަކިޔުން ހުއްޓައިލިކަން މި ހަފުތާގެ ތެރޭގައި އިއުލާންކުރި އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަރިޖިތު ސިންގް ސިޔާސީ ދާއިރާ އަށް ނުކުންނަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އުމުރުން 38 އަހަރުގެ ފަންނާނުގެ ގާތް ބައެއް މީހުންނާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނީ ސިޔާސީ ދާއިރާ އަށް ނުކުތުމާ މެދު އަރިޖިތު ވަރަށް ސީރިއަސްކޮށް ވިސްނަމުން އަންނަ ކަމަށެވެ. އެހެންވެ އޭނަ ނިސްބަތްވާ ވެސްޓް ބެގާލްގެ ޗީފް މިނިސްޓަރު މަމްތާ ބެނަޖީގެ ޕާޓީ، ޓްރިނަމޫލް ކޮންގްރެސްއާ ގުޅޭނީތޯ ނޫނީ އަމިއްލަ ސިޔާސީ ޕާޓީއެއް ހަދައިގެން މަސައްކަތް ކުރާނީތޯ އަރިޖިތު ވިސްނަމުން އަންނަ ކަމަށް ބުނެފައިވެ އެވެ.

މީޑިއާތަކާ ވާހަކަ ދެއްކި ބައެއް މީހުން ބުނެފައި ވަނީ މަމްތާ އަކީ އަރިޖުތު ވަރަށް ސަޕޯޓްކުރާ ސިޔާސީ ޝަހުސިއްޔަތެއް ކަމަށާއި އޭނަގެ ޕާޓީއާ އަރިޖިތު ގުޅުމަކީ ވުން ވަރަށް ކައިރި ކަމެއް ކަމަށެވެ.

ބޮލީވުޑްގެ އެތައް ފިލްމަކަށް އެތައް ލަވައެއް ކިޔައި، ދެ ނެޝަނަލް އެވޯޑްގެ އިތުރުން އިންޑިއާގައި ދޭ ޕޮޕިއުލާ އެތައް އެވޯޑެއް ވެސް ހާސިލުކޮށްފައިވާ އަރިޖިތު ފިލްމުތަކަށް ލަވަކިޔުން ހުއްޓައިލަން ނިންމިކަން އިއުލާންކުރީ މި މަހުގެ 29 ގަ އެވެ. އޭނަ ފިލްމުތަކަށް ލަވަކިޔުން ހުއްޓައިލި އަމިއްލަ މިއުޒިކީ މަސައްކަތްތައް ކުރާނެ އެވެ.

ރިޕޯޓްތައް މިހާރު ބުނާ ގޮތުން އަރިޖިތު އަންނަނީ ހިންދީ ފިލްމެއް ޑައިރެކްޓް ކުރަމުންނެވެ. ޕްރޮޑިއުސަރު މަހާވީރް ޖެއިންއާ ހިއްސާވެގެން ހަދާ މި ޖަންގަލް އެޑްވެންޗާގެ މައިގަނޑު ރޯލުތައް ކުޅެނީ އަރިޖިތުގެ ދަރިއަކާއި ކުޅަދާނަ އެކްޓަރު ނަވާޒުއްދީން ސިއްދީގެ އަންހެން ދަރިފުޅު ޝޯރާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އޭނަ 2018 ގައި 'ސަ' ކިޔާ ބެންގާލީ ފިލްމެއް ވެސް ޑައިރެކްޓްކޮށްފައިވެ އެވެ.

އަރިޖިތަކީ އިންޑިއާ ސަރުކާރުން ހަތަރު ވަނަ އަށް ދޭ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ ޕަދްމާ ޝްރީ މިދިޔަ އަހަރު ލިބިފައިވާ ފަންނާނެކެވެ.