Last Updated: June 8, 20:40
Monday, June 8, 2026
ޚަބަރު

ގަން އެއާޕޯޓަކީ ދެކުނުގެ ވައިގެ ހަބަކަށް ހަދާނަން: އަމީން

އައްޑޫ ސިޓީ ގަން އެއާޕޯޓަކީ ދެކުނުގެ ވައިގެ ހަބަކަށް ހަދާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

މޯލްޑިވިއަނުން ދެކުނުގެ ހަތަރު އަތޮޅަށް ވައިގެ ގުޅުން އިފްތިހާހުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަމީން ވިދާޅުވީ ސަރުކާރުން މިވަގުތު ވެސް ދަނީ މެދިއިރުމައްޗާއި ޗައިނާގެ އެއާލައިނެއް ގަން އެއާޕޯޓަށް ގެނައުމަށް މަސައްކަތް ކުރަމުން ކަމަށާއި ބޮޑެތި ކޮންސެޝަންތަކެއް ދީގެން ނަމަވެސް އެ އެއާލައިންތައް އެ އެއާޕޯޓަށް ގެންނަން ޖެހޭ ކަމަށެވެ.

"މި އެއާޕޯޓްގެ ހާލަތު ބަދަލުކުރާނަން. ގަން އެއާޕޯޓަކީ އެއާލައިންތައް އަންނަ ރާއްޖޭގެ ވައިގެ ސަދަން ހަބްކަމުގައި ހަދާނަން." އަމީން ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމާޒަކީ ހަމައެކަނި އެއާޕޯޓްތަކެއް އެޅުން ނޫން ކަމަށާއި އެމަނިކުފާނު ތަސައްވުރަކީ މި ހުރިހާ ވަސީލަތްތަކުގެ ބޭނުން ހަމައަށް ހިފައި ރައްޔިތުންގެ ދިރިއުޅުމަށް ފަސޭހަކަން ގެނެސްދޭނެ ލާމެހިފައިވާ މަދަނީ ވައިގެ ދަތުރުފަތުރުގެ ނިޒާމެއް ގާއިމްކުރުން ކަމަށްވެސް އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވީ ދެކުނުގެ ހަތަރު އަތޮޅު ވައިގެ ޚިދުމަތުން ގުޅާލުމުގެ ސަބަބުން ދެކުނުގެ އަތޮޅުތަކަށް ދިރުން އަންނާނެ ކަމަށާއި ޚާއްސަކޮށް ދެކުނުގެ ފަތުރުވެރިކަމަށް ދިރުން އަންނާނެ ކަމަށެވެ.

"ދެކުނުގެ އަތޮޅުތަކުގައި މިހާރު ހުރި ގާތްގަނޑަކަށް 3،900 ވަރަކަށް އެނދަށް ވާސިލުވާން ފަތުރުވެރިންނަށް މި ވަނީ ފަސޭހަ ފުރުސަތުތަކެއް ތަނަވަސްވެފައި،" އޭނާ ވިދާޅުވި އެވެ.

މި ޚިދުމަތަށް ބޭނުންކުރާނީ ޑީއެޗްސީ-6-300 ޓްވިން އޮޓާ ބޯޓެވެ. މި ބޯޓުތަކުގައި ގާތްގަނޑަކަށް 15 ވަރަކަށް މީހުންނަށް ދަތުރުކުރެވޭނެއެވެ.

ދެކުނުގެ ދަތުރުތަކާއި އަގުތައް:

* ގަން-ފުވައްމުލައް: 500ރ
* ފުވައްމުލައް-ކޫއްޑޫ: 650ރ
* ފުވައްމުލައް-ކާޑެއްދޫ: 650ރ
* ގަން-ކާޑެއްދޫ: 900ރ
* ގަން-ކޫއްޑޫ: 900ރ.

މޯލްޑިވިއަނުން ބުނީ ދެކުނުގެ އަތޮޅުތައް ގުޅުވާލުމަށް ކުރަމުން އަންން މަސައްކަތަކީ ޓްރާންސްޕޯޓް މިނިސްޓްރީން ސަރަހައްދީ ދަތުރުފަތުރު ހަރުދަނާ ކުރުމަށް ގެންގުޅޭ ސިޔާސަތާއި އެއްގޮތްވާ ގޮތުގު މަތިން ފަށާ ކަމެއް ކަމަށެވެ. އަދި މި ދަތުރުތައް ފެށުމުން އެ ސަރަހައްދުގެ ވައިގެ އުދުހުންތަކުގެ ހަބަކަށް އައްޑޫ ގަން ވެގެންދާނެ ކަމަށް ވެސް ބުންޏެވެ.