Last Updated: June 8, 20:40
Monday, June 8, 2026
ޚަބަރު

މިއީ ރާއްޖެއަށް އެންމެ ގިނަ ކާމިޔާބީތައް ލިބޭނެ 5 އަހަރު

އިބްރާހިމް ފަލާހު- ފޮޓޯ: ޕީއެންސީ

މިއީ ރާއްޖެއަށް އެންމެ ގިނަ ކާމިޔާބީތައް ލިބޭނެ 5 އަހަރު ކަމަށް ވެރިކަން ކުރާ ޕީޕަލްސް ނެޝަަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ ލޯކަލް ކައުންސިލް އިންތިހާބުގެ ފުވައްމުލަކުގެ ކެމްޕޭން ލޯންޗުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން ފަލާހު ވިދާޅުވީ ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓުން ބޮޑު އަޣުލަބިއްޔަތަކުން އިންތިހާބު ކުރަންޖެހޭ ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރުގެ ތެދުވެރި ވެރިއެއް ނުލިބޭނެ ކަމަށެވެ.

ރައީސް މުއިއްޒަކީ ވައުދަކަށް ވައުދެއް ވާ ބޭފުޅެއް ނޫން ކަމަށާއި އެމަނިކުފާނު ވައުދުވެވަޑައިގަންނަވަނީ ރައްޔިތުންނަށް ފުރިހަމައަށް ހިދުމަތް ފޯރުކޮށްދިނުމުގެ ނިޔަތުގައި ކަމަށްވެސް ފަލާހު ވިދާޅުވި އެވެ. އެގޮތުން ވެރިކަމާ ހަވާލުވެވަޑައިގެން ރާއްޖޭގައި މީހުން ދިރިއުޅޭ 188 ރަށަށް ދަތުރުފުޅު ކުރެއްވީ އިންތިހާބެއް އޮވެގެން ނޫން ކަމަށާއި އިންތިހާބު އައުމުގެ މާކުރިން ކަންކަމުގެ މައުލޫމާތު ކައުންސިލްތައް މެދުވެރިކޮށް އޮޅުންފިލުއްވާފައިވާ ކަމަށްވެސް ފަލާހު ވިދާޅުވި އެވެ.

ފަލާހު ވިދާޅުވީ މި ސަރުކާރަށް މިވީ ދުވަސްތަކުގެ ތެރޭގައި ރާއްޖޭގައި ވީރާނާވެފައި ހުރި އިޖުތިމާއީ ވަރަށް ގިނަ ކަންތައްތަކެއް ހައްލުކޮށްދީފައިވާ ކަމަށާއި މި ފަސް އަހަރު ނިމިގެންދާއިރު ވެގެންދާނީ ރާއްޖޭގެ ތާރީހުގައި ވެރިއެއްގެ ޒައާމަތުގައި އެންމެ ގިނަ ކާމިޔާބީތައް ލިބޭނެ ދައުރަށް ކަމަށެވެ.

"އެންމެ ގިނަ ކާމިޔާބީތައް، އެންމެ ބޮޑު ފައިދާ ގައުމަކަށް ހޯދައިދޭ 5 އަހަރު ކަމުގައޭ. އެކަމުގެ ޔަގީންކަން އެބައޮތް" ފަލާހު ވިދާޅުވި އެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އޮންނާނީ އެޕްރީލް މަހުގެ 4 ގަ އެވެ.