الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
އިންސާނާގެ ނަފްސަކީ ވަރަށް އަގުހުރި އެއްޗެކެވެ. އިންސާނާގެ ހަށިގަނޑުގައިވާ ކޮންމެ ގުނަވަނެއް ވެސް ނުހަނު ފަރުވާތެރިކަމާ އެކު ބަލަހައްޓަން ޖެހެ އެވެ. ކޮންމެ މީހަކު ވެސް އެ މީހެއްގެ ނަފްސަށް ގެއްލުން ދިނުމުން ރައްކާތެރިވާން ޖެހޭނެ އެވެ.
ދުނިޔަވީ ޙަޔާތުގައި ވޭތުކުރާ ދުވަސްތަކަކީ ބޯހާސްވުމާއި ގޮތްހުސްވުމާއި ހިތާމަވެރިކަންކަމާއި ލަދުގަންނަން ޖެހޭ ފަދަ ކަންކަމުން ފުރިގެންވާ ދުވަސްތަކެކެވެ. ނަމަވެސް އަޅުގަނޑުމެން ޤަބޫލު ކުރަން ޖެހޭނެ ޙަޤީޤަތަކީ ﷲ ތަޢާލާގެ މަދަދާއި ނަޞްރާ އަދި ރަޙްމަތް އަބަދުވެސް ނުހަނު ގާތުގައިވާކަމެވެ. ރޭގަނޑު ކިތަންމެ ދިގުހެން ހީވި ނަމަވެސް އަބަދުވެސް ފަތިސް ވަގުތުވަނީ ނުހަނު ގާތުގައެވެ.
ލޮބުވެތި އަޚުންނާއި އުޚްތުންނެވެ. އަމިއްލައަށް މަރުވުމަކީ ބޮޑު ފާފައެކެވެ. ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ.
﴿ وَلَا تَقْتُلُوا أَنفُسَكُمْ ۚ إِنَّ اللَّـهَ كَانَ بِكُمْ رَحِيمًا﴾ (سورة النساء ٢٩)
މާނައީ: “އަދި ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތައް ތިޔަބައިމީހުން ޤަތުލުނުކުރާށެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް ރަޙީމްވަންތަ އިލާހުކަމުގައި ﷲ ވޮޑިގެންވެއެވެ.”
މިއާޔަތާއި ބެހޭގޮތުން އިމާމު އައްޝައުކާނީ رحمه الله ވިދާޅުވިއެވެ.
“وَلَا تَقْتُلُوا أَنفُسَكُمْ އެބަހީ: އެންމެހާ މުސްލިމުންނޭވެ. ޝަރުޢީ ޘާބިތު ސަބަބަކާއި ނުލާ ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކު ޤަތުލުނުކުރާށެވެ. ނުވަތަ ފާފަތަކަށް އަރައިގަނެ ތިޔަބައިމީހުންގެ ނަފްސުތައް ޤަތުލުނުކުރާށެވެ. ނުވަތަ މިއާޔަތުގެ މުރާދަކީ ޙަޤީޤަތުގައިވެސް އިންސާނާ އޭނާގެ އަމިއްލަ ނަފްސުމެރުން ނަހީވުމެވެ. މިހުރިހާ މާނައެއްދޭހަވާގޮތަށްވެސް މިއާޔަތް މާނަކުރެވިދާނެއެވެ.” [فتح القدير للشوكاني (ص: ٢٩٢)]
ދުނިޔޭގެ ދިރިއުޅުމަކީ އިމްތިހާނެކެވެ. އުފަލާއި ހިތާމަ އަދި ފަސޭހަ ކަންކަމާއި ދަތި އުނދަގޫ ކަންކަމާވެސް ކުރިމަތިލާން ޖެހޭނެއެވެ. ދަތިކަމާއި ހިތާމައިގައި އިންސާނާއަށް އޮތީ ކެތްތެރިވުމެވެ. ދިރިއުޅުމުގައި ކުރިމަތިވާ ކަމެއްގެ ސަބަބުން، އެކަމަށް ކެތްތެރިނުވެ، އޭނާ އަމިއްލައަށް މަރުވިއެއްކަމަކު އެއީ އެކަމުގެ ޙައްލެއްނޫނެވެ. އަމިއްލައަށް މަރުވުމަކީ އުޚްރަވީ ޙަޔާތުގެ ޢުޤޫބާތަށް ތިމާގެ އަމިއްލަ އަތުން ތިމާގެ ނަފްސު ހުށަހަޅާލެވޭ ހުށަހަޅާލުމެކެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިކަމަށް ޘާބިތު ބުން އައްޟައްޙާކު رضي الله عنه ރިވާކުރެއްވިއެވެ.
((وَمَنْ قَتَلَ نَفْسَهُ بِشَىْءٍ عَذَّبَهُ اللَّهُ بِهِ فِى نَارِ جَهَنَّمَ))
މާނައީ: “ދުނިޔޭގައި އެއްޗަކުން އޭނާގެ ނަފްސު ޤަތުލުކޮށްލައިފިމީހާއަށް އޭނާއަށް، ޤިޔާމަތްދުވަހު އެ އެއްޗަކުން ޖަހައްނަމައިގެ އަލިފާނުގައި ޢަޛާބު ދެވޭނެއެވެ.” [رواه مسلم / كتاب: الإيمان / باب: بيان غلظ تحريم قتل الإنسان نفسه… / رقم: ١١٠]
އަމިއްލައަށް މަރުވާމީހުންގެ މައްޗަށް ކަށުނަމާދު ކުރެއްވުމުން ނަބިއްޔާ صلى الله عليه وسلم ދުރުވެވަޑައިގެންނެވިއެވެ. އެއީ މީސްތަކުންނަށް އެކަމުގެ ނުރައްކާތެރިކަމުގެ އިންޛާރުދެއްވުމުގެ ގޮތުންނެވެ. ނަމަވެސް އެފަދަ މީހާގެ މައްޗަށް ކަށުނަމާދު ކުރުމުގެ އިޛުނަ އެކަލޭގެފާނު ދެއްވިއެވެ. އެހެންކަމުން ޚަލީފާ އާއި، ޢިލްމުވެރިންނާއި، ވެރިންނާއި، ޤާޟީންނާ އަދި މި ނޫނަސް ޤައުމުގެ އިސްފަރާތްތަކުން އެފަދަ މީހާގެ މައްޗަށް ކަށުނަމާދު ކުރުމުން ދުރުހެލިވުމަކީ ސުންނަތެކެވެ. ޖާބިރު ބުން ސަމުރާ رضي الله عنه ވިދާޅުވިއެވެ.
((أُتِىَ النَّبِىُّ -صلى الله عليه وسلم- بِرَجُلٍ قَتَلَ نَفْسَهُ بِمَشَاقِصَ فَلَمْ يُصَلِّ عَلَيْهِ))
މާނައީ: “މިޝްޤަޞްތަކެއް ބޭނުންކޮށްގެން އަމިއްލައަށް މަރުވިމީހަކު ނަބިއްޔާ صلى الله عليه وسلمގެ އަރިހަށް ގެނެވުނެވެ. ފަހެ އެކަލޭގެފާނު އޭނާގެ މައްޗަށް ކަށުނަމާދު ނުކުރެއްވިއެވެ. (އަލްމިޝްޤަޞް: އެއީ ތީރުގެ ކޮޅުގައި ހުންނަ ދަގަނޑުކޮޅު ދިގުކޮށް ހުރުމެވެ.)” [رواه مسلم / كتاب: الجنائز / باب: ترك الصلاة على القاتل نفسه / رقم: ٤٧٨]
އަމިއްލައަށް މަރުވާމީހުންނާމެދު އަޅުގަނޑުމެންގެ ތެރެއިން ބައެއްމީހުން ދެކޭގޮތް ވަރަށްވެސް ތަފާތެވެ. އެބައިމީހުން ޤަބޫލުކުރަނީ މިފަދަ މީހުންނަކީ ކުފުރު މަރުން މަރުވާ މީހުންކަމަށެވެ. އަދި މިބައިމީހުން ހިނަވާ ކަފުންކުރަން ނުޖެހޭނެކަމަށެވެ. އަދި މިބައިމީހުންގެ މައްޗަށް ކަށުނަމާދުވެސް ކުރަން ނުޖެހޭނެ ކަމަށެވެ. އަދި ބައެއް މީހުން ދެކޭ ގޮތުގައި ދަންޖެހިގެން އަމިއްލައަށް މަރުވާމީހުންނާމެދު ޢަމަލުކުރުން އެންމެ ރަނގަޅު ގޮތަކީ އެބައިމީހުން ދަންޖެހުނު ދިމާލުގައި ވަޅެއް ކޮނެ، އެ ތަނުގައި ވަޅުލުމެވެ.
އަމިއްލަ އަށް މަރުވާ މީހުން ހިނަވާ ކަފުންކޮށް ކަށުނަމާދު ކުރަން ޖެހޭނެތޯ އައްޝައިޚް އިބްނު ބާޒު رحمه الله ގެ އަރިހުގައި ސުވާލު ދެންނެވުމުން ވިދާޅުވި އެވެ.
“އަމިއްލަ އަށް މަރުވާ މީހާ ހިނަވައި، ކަފުން ކުރަން ޖެހޭނެ އެވެ. އަދި އޭނާގެ މައްޗަށް ކަށުނަމާދު ވެސް ކުރަން ޖެހޭނެ އެވެ. އަދި އެމައްޔިތާ ވަޅުލާނީ މުސްލިމުންނާ އެކު (މުސްލިމުންގެ ގަބުރުސްތާނެއް) ގަ އެވެ. އެއީ އޭނަ އަކީ ފާފަވެރިއެކެވެ. ނަމަވެސް އޭނަ އަކީ ކާފިރެއް ނޫނެވެ. އަމިއްލަ ނަފްސު ޤަތުލު ކުރުމަކީ ފާފައެކެވެ. ނަމަވެސް އެއީ ކުފުރެއް ނޫނެވެ.” [مجموع فتاوى العلامة عبد العزيز بن باز رحمه الله (13 / 122)]
ދުޢާ އަކީ ﷲ ތަޢާލާ މިފަދަ ފާފަތަކުން އަޅުގަނޑުމެން ރައްކާތެރިކޮށް ދެއްވުމެވެ.
މަސްދަރު: ދިސަލަފިއްޔާ