Last Updated: June 6, 06:06
Saturday, June 6, 2026
މުނިފޫހިފިލުވުން

"ހޯމް އެލޯން" ގެ ބަތަލާ މަރުވެއްޖެ

އާންމުންގެ މެދުގައި ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި ހޮލީވުޑްގެ ފިލްމު "ހޯމް އެލޯން" ގެ ބަތަލާ ކެތެރީން އޮ ހާރާ މަރުވެއްޖެ އެވެ.

އުމުރުން 71 އަހަރުގައި އޭނަ މަރުވީ އިއްޔެ އެވެ. މީޑިއާތަކުން ބުނީ ކެތެރީން މަރުވިކަން އެނގުނީ ލޮސް އެންޖެލިސްގައި ހުންނަ އޭނަގެ ގެއިން އިއްޔެ ވަރަށް ފަތިހުގެ ވަގުތެއްގައި ފަޔާ ޑިޕާޓްމަންޓަށް ލިބުނު ކޯލަކާ ގުޅިގެން ކަމަށެވެ. އަދި އެތަނުގެ އޮފިޝަލުން ގޮސް، ކެތެރީން ހޮސްޕިޓަލަށް ގެންދިޔަ އިރު ސީރިއަސް ގެއްލުންތަކެއް ލިބިފައިވާ ކަމަށް ބުނެފައިވެ އެވެ.

ކެތެރީން މަރުވި ވާހަކަ އޭނަގެ އެޖެންސީން ހިއްސާކުރި ނަމަވެސް އެ މަރާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ހާމައެއް ނުކުރެ އެވެ.

ކެތެރީންގެ މަރާ ގުޅިގެން "ހޯމް އެލޯން" ގައި އޭނަގެ ދަރިފުޅުގެ ރޯލު މިހާރު އުމުރުން 45 އަހަރގެ އެކްޓަރު މެކޯލޭ ކަލްކިން އިންސްޓަގްރާމް ޕޯސްޓެއްގައި ކެތެރީންގެ ހަނދާންތަކެއް އާކޮށްފައިވެ އެވެ.

"ހޯމް އެލޯން" ގެ ދެ ފިލްމުގައި ކެތެރީން ކުޅެފައި ވަނީ އޭގެ މައިގަނޑު ރޯލު ކަމަށްވާ ކެވިންގެ ކެރެކްޓާ ކުޅުނު ކުއްޖާގެ މަންމަ ކޭޓްގެ ރޯލެވެ. އެ ދެ ފިލްމުގެ ތެރެއިން ފުރަތަމަ ފިލްމު 1990 ގައި ގެނެސްދިނުމަށް ފަހު، ދެވަނަ ރިލީޒްކުރީ 1992 ގަ އެވެ.

ކެތެރީން ކުޅެފައިވާ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "ބީޓްލްޖޫސް"، "ދަ ނައިޓް ބިފޯ ކްރިސްމަސް" އަދި "ފޯ ޔޯ ކޮންސިޑެރޭޝަން" ފަދަ ފިލްމުތައް ހިމެނެ އެވެ. އޭނަ އެންމެ ފަހުން ފެނިފައިވާ ފިލްމަކީ 2024 ގެ "ބީޓްލްޖޫސް ބީޓްލްޖޫސް" އިންނެވެ.

ދެ ކުދިންގެ މަންމަ ކެތެރީން އަކީ މަޝްހޫރު ސިޓްކޮމް "ޝިޓްސް ގްރީކް" ގައި ވެސް މަސައްކަތްކޮށްފައިވާ ބަތަލާއެކެވެ.