ބޮލީވުޑްގެ ޒުވާން ތަރިން ކަމަށްވާ އަނަންޔާ ޕާންޑޭ އާއި ލަކްޝް ލަލްވާނީ އެކީގައި ބޮޑު ސްކްރީނުން ފެންނާނެ ފުރަތަމަ ފިލްމު 'ޗާންދު މޭރާ ދިލް' ރިލީޒްކުރާ ތާރީހު އިއުލާންކޮށްފި އެވެ.
ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނަށް ވިވެކް ސޯނީ ޑައިރެކްޓްކޮށްފައިވާ މި ލޯބީގެ ފިލްމު ބެލުންތެރިންނަށް ދޫކޮށްލަން ނިންމީ މި އަހަރުގެ މެއި މަހުގެ 8 ގަ އެވެ.
'ޗާންދު މޭރާ ދިލް' އަކީ ލަކްޝްގެ ދެވަނަ ފީޗާ ފިލްމެވެ. އޭނަ ބޮލީވުޑަށް ތައާރަފުވީ ދަރުމާ އިން 2024 ގައި ގެނެސްދިން ވަރުގަދަ އެކްޝަން ފިލްމު 'ކިލް' އިންނެވެ. އަރަމުން އަންނަ އުންމީދީ އެކްޓަރު މިހާރު ވެސް އަންނަނީ އެ ސްޓޫޑިއޯގެ އެހެން ފިލްމެއްގެ މަސައްކަތް ވެސް ކުރަމުންނެވެ.
އެއީ 'ގުޑް ނިއުސް' އާއި ޖުގް ޖުގް ޖިއޯ' ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ރާޖް މެހެތާ ޑައިރެކްޓްކުރާ ރޮމޭންޓިކް އެކްޝަން ތުރިލާ 'ލަގް ޖާ ގަލޭ' އެވެ. އޭގެ ކާސްޓްގައި ޓައިގާ ޝްރޮފާއި ޖާންވީ ކަޕޫރް ވެސް ހިމެނެ އެވެ.
ލަކްޝް އަކީ މިދިޔަ އަހަރު ޝާހްރުކް ޚާންގެ ދަރިފުޅު އަރިއަން ޚާން ލިޔެ، ޑައިރެކްޓްކޮށް ނެޓްފްލިކްސް އަށް ގެނެސްދިން ސީރީޒް 'ދަ ބޭޑްސް އޮފް ބޮލީވުޑް' ގެ ލީޑް އެކްޓަރެވެ.
އޭނަގެ ދެވަނަ ފީޗާ ފިލްމު 'ޗާންދު މޭރާ ދިލް' މެއިގައި ގެނެސްދޭން ނިންމި އިރު، މީގެ ބަތަލާ އަނަންޔާގެ އެންމެ ފަހުގެ ފިލްމަކީ ދަރުމާ އިން މިދިޔަ މަހުގެ ތެރޭގައި ގެނެސްދިން ކާތިކް އާރިއަންގެ ރޮމޭންޓިކް ކޮމެޑީ 'ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މޭރީ' އެވެ.
ލަކްޝް ގޮތަށް އަނަންޔާ އަކީ ވެސް ދަރުމާ އިން ބޮލީވުޑަށް ތައާރަފުކުރި ބަތަލާއެކެވެ. އެއީ 2019 ގެ 'ސްޓޫޑެންޓް އޮފް ދި އިޔާ 2 ' އިންނެވެ.
މި ދެ ތަރިން ހިމަނައިގެން 'ޗާންދު މޭރާ ދިލް' ގެނެސްދޭ ޑައިރެކްޓަރު ވިވެކް އަކީ ދަރުމާ އިން މިދިޔަ އަހަރު ފާތިމާ ސަނާ ޝެއިހާއި އާރް މާދްވަންއާ އެކު ނެޓްފްލިކްސް އަށް 'އާޕް ޖޭސާ ކޮއީ' ގެނެސްދިން ޑައިރެކްޓަރެވެ.