އެޕަލްގެ ފަތްޖެހޭ ފޯނު މި އަހަރު ނެރޭނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުން ބުނީ ސްމާޓްފޯނުގެ ވިޔަފާރީގައި އެންމެ ކުރީގައި އުޅޭ ކުންފުނީގެ ފަތްޖެހޭ ފޯނު ނެރޭނެ ކަމަށް ބެލެވެނީ މި އަހަރުގެ ފަހުކޮޅު ކަމަށެވެ. އެގޮތުން ސެޕްޓެމްބަރު މަހުގެ ތެރޭގައި އައިފޯނު ޕްރޯ 18 އާއި ޕްރޯ މެކްސް ދައްކައިލާ އިރު، އެކަމަށް ބާއްވާ ހާއްސަ އިވެންޓްގައި 'އެޕަލް ފޯލްޑް' ދައްކައިލާނެ އެވެ.
ޓެކް ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ އެޕަލްގެ މި އުފެއްދުން ވާނީ ޓެކްނޮލޮޖީގެ ގޮތުން ވަރަށް ވެސް ހާއްސަ ކަންތައްތަކެއް އެކުލެވޭނެ ޑިވައިސްއަކަށް ކަމަށާއި މީގެ ކުރިން އެހެން ކުންފުނިތަކުން ނެރެފައިވާ ފަށްޖެހޭ ފޯނުތަކާއި 'އެޕަލް ފޯލްޑް' އާ ވަރަށް ވެސް ބޮޑެތި ތަފާތުތަކެއް ހުންނާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އަދި މި ފޯނު ވާނީ ވަރަށް ވެސް ތުނި އެއްޗަކަށް ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
'އެޕަލް ފޯލްޑް' އަގުތަކާ ބެހޭ ގޮތުން މީޑިއާތަކުން މި ފޯނުގެ އަގު އުޅޭނީ 2،000-2،500 ޑޮލަރާ ދެމެދުގައި ކަމަށެވެ.
އެޕަލް އިން ފަތްޖެހޭ ފޯނު ނެރެން އުޅޭ ވާހަކަ ދެކެވޭތާ މިހާރު ގިނަ އަހަރުތަކެއްވެފައިވާ އިރު، މިކަމާ ބެހޭ ގޮތުން އެ ކުންފުނިން މިހާތަނަށް ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނެ އެވެ.