ބޮލީވުޑްގެ ޑައިރެކްޓަރު ހޯމީ އަދަޖާނިއާގެ އާ ފިލްމު 'ކޮކްޓެއިލް 2' ގެ ޝޫޓިން ނިންމާލައިފި އެވެ.
މިދިޔަ އަހަރުގެ ތެރޭގައި ޝޫޓީން ފެށި ރޮމޭންޓިކް ކޮމެޑީގެ ޝޫޓިން ނިންމާލައި އެކަން ފާހަގަ ކުރަން ކާސްޓާއި ކްރޫ ރޭ ބޭއްވި ހަފުލާއެއްގެ ފޮޓޯއެއް ވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށް ހޯމީ ބުނީ މިއީ އޭނަ އަށް ވަރަށް ހާއްސަ ފިލްމެއް ކަމަށެވެ.
'ކޮކްޓެއިލް 2' އަކީ އޭނަ 2012 ގައި ގެނެސްދިން ކާމިޔާބު ފިލްމު 'ކޮކްޓެއިލް' އާ ގުޅުވައިގެން ހަދާފައިވާ ފިލްމެކެވެ.
އެކަމަކު އާ ފިލްމު ހަދާފައި ވަނީ މުޅިން ތަފާތު ކާސްޓަކާ އެކީގަ އެވެ. އެގޮތުން 'ކޮކްޓެއިލް 2' ގެ ލީޑް ތަރިންނަކީ ކްރިތީ ސެނަން އާއި ޝާހިދު ކަޕޫރްގެ އިތުރުން ރަޝްމިކާ މަންދަނާ އެވެ. 'ކޮކްޓެއިލް' ގެ ތަރިންނަކީ ސައިފް އަލީ ހާނާއި ދީޕިކާ ޕަދްކޯންގެ އިތުރުން ޑަޔާނާ ޕެންޓީ އެވެ.
ބޮލީވުޑްގެ މިހާރު އެންމެ ކާމިޔާބު ސްޓޫޑިއޯތަކުގެ ތެރޭގައި ހިމެނޭ ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސްގެ 'ކޮކްޓެއިލް 2' ގެ ޝޫޓިން ނިންމައިލި ނަމަވެސް ފިލްމު ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ. އެކަމަކު ބައެއް ރިޕޯޓްތައް ބުނާ ގޮތުން ޒަމާނީ ލޯބީގެ ވާހަކައެއް ކިޔައިދޭނެ ފިލްމު ސިނަމާތަކަށް ގެންނާނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.
ހޯމީގެ އެންމެ ފަހުގެ ފިލްމަކީ 2024 ގެ މިސްޓްރީ ތުރިލާ 'މާޑާ މުބާރަކް' އެވެ. އޭނަ ޑައިރެކްޓްކުރި ފިލްމުތަކުގެ ތެރޭގައި 'ބީން ސައިރަސް' އާއި 'ފައިންޑިން ފެނީ' އަދި 'އަނގްރޭޒީ މީޑިއަމް' ހިމެނެ އެވެ.