Last Updated: June 6, 06:06
Saturday, June 6, 2026
މުނިފޫހިފިލުވުން

"ބޯޑާ 2" ބަލަން އުޅެނިކޮށް ސީލިން ވެއްޓިއްޖެ!

އިންޑިއާގެ ގުޖްރާތުގެ ސިޓީއެއްގައި ފިލްމު "ބޯޑާ 2" ބަލަން ގިނަ އަދަދެއްގެ ބަޔަކު ސިނަމާއަކަށް ވަދެ ތިއްބައި، އެތަނުގެ ސީލިން ވެއްޓި، ޝޯ ކެންސަލްކޮށް ސިނަމާއިން މީހުން ހުސްކޮށްފި އެވެ.

މީޑިއާތަކުން ބުނީ މި ހާދިސާ ހިނގީ ގުޖްރާތުގެ ވަލްސަދުގެ ރަހްޖާންް މަލްޓިޕްލެސްގައި ކަމަށެވެ. ފިލްމު ބަލަން ގިނަ ބަޔަކު ވަދެ، ޝޯ ދައްކަން ފަށަން ތައްޔާރުވެފައި ވަނިކޮށް އެތަނުގެ ސީލިން ވެއްޓުނީ ހެނދުނު 9:00 އެހާކަށްހާ އިރު އެވެ.

ނަމަވެސް މި ހާދިސާގައި ވެސް އެެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށް މީޑިއާތަކުން ބުންޏެވެ.

މި މަހުގެ 23 އިން ފެށިގެން އިންޑިއާގެ އެކި ސަރަހައްދުތަކުގެ ސިނަމާތަކުގައި "ބޯޑާ 2" ގެ ހައުސްފުލް ޝޯތަކެއް ދައްކަމުން އަންނަ އިރު، ފިލްމަށް އާންމުންގެ ފަރާތުން ލިބޭ ތަރުހީބު ވަރަށް ބޮޑެވެ. އެހެންވެ ބައެއް ހިސާބުތަކުގެ ސިނަމާތަކުގައި އަންނަނީ ދަންވަރު ވެސް ޝޯތައް ދައްކަމުންނެވެ.

"ބޯޑާ 2" އަކީ 1997 ގައި ގެނެސްދިން "ބޯޑާ" އާ ގުޅުވައިގެން ހަދާފައިވާ ހަނގުރާމަ ފިލްމެކެވެ.

މި ފިލްމު އެޅުވި ސިނަމާއެއްގެ ސީލިން މިއަދު ވެއްޓުނު އިރު، ކުރީގެ ފިލްމުގެ ޝޯއެއް ނިއު ދިއްލީގެ އުޕްހާރް ސިނަމާގައި ޖޫން 13، 1997 ގައި ގިނަ ބަޔަކު ބަލަމުން ދަނިކޮށް އެތަނުގެ ބޭސްމަންޓްގެ ޓްރާންސްފޯމަރެއްގައި ރޯވެ، ބޯ ދުމުގެ ސަބަބުން 100 އަށް ވުރެ ގިނަ މީހުންގެ ހާލު ދެރަވެގެން ފަރުވާ ދޭން ޖެހުނެވެ.

"ބޯޑާ 2" އަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ އިރު، މިއީ އަނޫރާގް ސިންގް ޑައިރެކްޓްކުރި ފިލްމެކެވެ. މީގެ މައިގަނޑު ކާސްޓުންނަކީ ސަނީ ޑިއޯލް އާއި ވަރޫން ދަވަނާއި ދިލްޖީތު ދޮސަންޖަނާއި އަހާން ޝެޓީ އާއި މޯނާ ސިންގް އާއި ސޯނަމް ބަޖްވާ އާއި އަނިއާ ސިންގްގެ އިތުރުން މޭދާ ރާދާ އެވެ.