Last Updated: June 8, 20:40
Monday, June 8, 2026
ޚަބަރު

އިންތިހާބަށް 2،000 އަށްވުރެ ގިނަ ފޯމު

އަންނަ އޭޕްރިލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލާން މިހާތަނަށް 2،000 އަށްވުރެ ގިނަ ފޯމު ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް ކުރިމަތިލާން އީސީން ހުޅުވާލީ މިމަހުގެ 17 ވަނަ ދުވަހު އެވެ. މި އިންތިހާބުތަކުގައި ވާދަ ކުރަން ފޯމު ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީހަކީ މާދަމާ އެވެ.

އީސީން ބުނިގޮތުގައި ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް ސިޔާސީ ޕާޓީތަކުން ހުށަހެޅި 1197 ފޯމު މިހާތަނަށް ވަނީ ގަބޫލުކޮށްފަ އެވެ. އަދި އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރުމަށް ހުށަހެޅި 359 ފޯމެއް އީސީން ވަނީ ބަލައިގެންފަ އެވެ.

މީގެއިތުރުން ޑަބްލިއުޑީސީއަށް ސިޔާސީ ޕާޓީތަކުން ހުށަހެޅި 1091 ފޯމު ބަލައިގެންފައިވާއިރު އަމިއްލަ ގޮތުން ހުށަހެޅި 241 ފޯމު އީސީން ވަނީ ބަލައިގެންފަ އެވެ.

އީސީން ބުނެފައިވަނީ ކައުންސިލް އަދި ޑަބްލިއުޑީސީއަށް ވާދަކުރުމަށް ހުށަހެޅި ފޯމުތަކުގެ ތެރެއިން 525 ފޯމެއް ގަބޫލު ނުކުރުމަށް ނިންމާފައިވާ ކަމަށެވެ. އާންމުކޮށް ކެންޑިޑަސީ ގަބޫލުނުކުރަން އީސީން ނިންމި ސަބަބުތަކުގެ ތެރޭގައި، ކުށާއި ދަރަނީގެ ރެކޯޑް އުމުރަށް ހުށަހަޅާފައި ނެތުމާއި، ކުށެއް ނުވަތަ ދަރަންޏެއް އޮތްނަމަ އެކަމުގެ ތަފުސީލު ހުށަހަޅާފައި ނެތުމުގެ އިތުރުން ކަރެކްޝަނަލް ސާވިސްއިން ފުރިހަމަކޮށް ހުށަހަޅަންޖެހޭ ކުށުގެ ރެކޯޑް ހުށަހަޅާފައި ނެތުން ހިމެނެ އެވެ.

މިފަހަރުގެ އިންތިހާބުގައި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް ހިމެނޭ ގޮތަށް ޖުމްލަ 629 ކައުންސިލަރުން އިންތިހާބު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.