Last Updated: June 5, 20:43
Friday, June 5, 2026
ރިޕޯޓް

ރަމަޟާން މަހަށް ތައްޔާރު ވާނީ ކިހިނެއް؟

الحمد لله والصلاة والسلام على رسول الله، وبعد

ރަމަޟާން މަހަށް މަރުހަބާ ކިޔަން މިހާރު މިއޮތީ ގާތްގަނޑަކަކަށް 16 ވަރަކަށް ދުވަޖެވެ. އެހެންވެ އެކަމަށް ތައްޔާރުވުމަށް 10 ފިޔަވަޅެއް ތިރީގައި މި ވަނީއެވެ.

1. ތެދުވެތި ތައުބާއަކުން ތައުބާވުން

މިއީ (އެބަހީ ފާފަތަކުން ތައުބާވުމަކީ) ކޮންމެ ވަޤުތެއްގައި ވެސް ވާޖިބެކެވެ. ނަމަވެސް މަތިވެރި ބަރަކާތްތެރި މައްސަރެއް ބައްދަލުކުރާ އިރު، އެންމެ މުހިއްމު އެއް ކަމަކީ އެ މީހަކާ އެ މީހެއްގެ ވެރި ރައްބާ ދެމެދުގައި ވާ ފާފަތަކަށް ތައުބާވުމެވެ. އަދި އެ މީހަކާއި އެހެން މީހުންނާ ދެމެދުގައި ވާ ޙައްޤުތައް އަދާކުރުމެވެ. އެއީ މި ބަރަކާތްތެރި މައްސަރު ފެށުމާ އެކު، ސަލާމަތްތެރި ހިތަކާއިގެން ކިޔަމަންތެރިވުމާއި އަޅުކަމުގައި ކުރިއަށް ދިއުމަށެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿وَتُوبُوا إِلَى اللَّهِ جَمِيعًا أَيُّهَ الْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ﴾ [النُّور 31]

މާނައީ: “ތިޔަބައިމީހުން އެންމެން ﷲއަށް ތައުބާ ވާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި، ނަޞީބު ލިބުމަށް ޓަކައެވެ.”

ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ:

«يَا أَيُّهَا النَّاسُ تُوبُوا إِلَى اللهِ فَإِنِّي أَتُوبُ فِي الْيَوْمِ إِلَيْهِ مِائَةَ مَرَّةٍ»

މާނައީ: “އެންމެހާ މީސްތަކުންނޭވެ! ތިޔަބައިމީހުން އެންމެން ﷲއަށް ތައުބާ ވާށެވެ! ފަހެ ހަމަކަށަވަރުން ތިމަންކަލޭގެފާނު ދުވާލަކު ސަތޭކަ ފަހަރު އެ އިލާހަށް ތައުބާ ވެވަޑައިގަންނަވަމެވެ.”

2. ދުޢާކުރުން

ބައެއް ސަލަފުންގެ ބޭކަލުން ހަ މަސްދުވަސް ވަންދެން ރަމަޟާން މަހާ ބައްދަލުކޮށްދެއްވުން އެދި ﷲގެ ޙަޟްރަތަށް ދުޢާކުރައްވާކަމުގައި ރިވާވެފައި ވެއެވެ. ދެން ރަމަޟާން މަހަށް ފަހު، ފަސް މަސް ވަންދެން އެ މައްސަރުގެ އަޅުކަންތައް ޤަބޫލުކޮށްދެއްވުން އެދި ދުޢާ ކުރައްވަ އެވެ.
ވުމާ އެކު މުސްލިމު އަޅާ ދީނީ ގޮތުންނާއި ޞިއްޙީ ގޮތުން ރަނގަޅު ޙާލެއްގައި ވަނިކޮށް ރަމަޟާން މަހާ ބައްދަލުކޮށްދެވުން އެދި ﷲގެ ޙަޟްރަތުގައި ދުޢާކުރާށެވެ. އަދި އެ މައްސަރުގައި އަޅުކަމުގައި ހީވާގިވެ އުޅުމަށާއި، އެ ޢަމަލުތައް ޤަބޫލުކުރެއްވުން އެދި ދުޢާކުރާށެވެ.

3. ރަމަޟާން މަސް ކައިރިވުމުން އުފާކުރުން

ފަހެ ރަމަޟާން މަހާ ބައްދަލުވުމަކީ މާތް ﷲ އެ އިލާހުގެ މުސްލިމު އަޅުތަކުންނަށް ދެއްވާ މަތިވެރި ނިޢުމަތެކެވެ. އެހެނީ ރަމަޟާން މަހަކީ އެ މައްސަރެއްގައި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވޭ އަދި ނަރަކައިގެ ދޮރުތައް ބަންދުކުރެވޭ ހެޔޮކަމުގެ މޫސުމެކެވެ. އެއީ ޤުރުއާނުގެ މައްސަރެވެ. އަދި ޙައްޤާއި ބާޠިލުވަކިވެގެން ދިޔަ މުހިއްމު ހަނގުރާމަތަކެއް ހިނގާދިޔަ މޫސުމެކެވެ.

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿قُلْ بِفَضْلِ اللَّهِ وَبِرَحْمَتِهِ فَبِذَٰلِكَ فَلْيَفْرَحُوا هُوَ خَيْرٌ مِّمَّا يَجْمَعُونَ﴾ [يُونُس 58]

މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! ﷲގެ ފަޟްލުވަންތަކަމާއި، އެ އިލާހުގެ ރަޙްމަތަށް ޓަކައި ފަހެ، އެއުރެން އުފާކުރާހުށިކަމެވެ! އެއުރެން (ދުނިޔެމަތީގައި) އެއްކުރާ ތަކެއްޗަށް ވުރެ، އެކަން ހެޔޮކަން ބޮޑެވެ.”

4. ފާއިތުވެ ދިޔަ ރަމަޟާން މަހުގެ ޤަޟާ ރޯދަތައް ފުރިހަމަ ކުރުން

އަބޫ ސަލަމާ ވިދާޅުވިއެވެ. ޢާއިޝާ رضي الله عنها ވިދާޅުވަނިކޮށް ތިމަންކަމަނާ އަޑުއެއްސެވީމެވެ.

«كَانَ يَكُونُ عَلَيَّ الصَّوْمُ مِنْ رَمَضَانَ، فَمَا أَسْتَطِيعُ أَنْ أَقْضِيَ إِلَّا فِي شَعْبَانَ»

މާނައީ: “(ފާއިތުވެ ދިޔަ) ރަމަޟާން މަހުން ތިމަންކަމަނާގެ މައްޗަށް ޤަޟާކުރަން ޖެހޭ ރޯދަ އޮންނަކަމުގައި ވެއެވެ. އަދި ޝަޢުބާން މަހު މެނުވީ ތިމަންކަމަނާއަށް އެ ރޯދަތައް ޤަޟާކުރެވޭ ގޮތެއް ނުވެއެވެ.”
އިބްނު ޙަޖަރު (ނޔވ 852) ވިދާޅުވިއެވެ: “އަދި ފާއިތުވެ ދިޔަ ރަމަޟާން މަހުގެ ޤަޟާ ރޯދަތައް ޝަޢުބާން މަހުގައި ޤަޟާކޮށް ނިންމުމަށް އެކަމަނާ (އެބަހީ ޢާއިޝާ رضي الله عنها) ރައްކާތެރި ވެވަޑައިގެންފައިވުމުން، ޖެހިގެން އަންނަ ރޯދަ މަސް ފެށެންދެން ޤަޟާ ރޯދަތައް ނުހިފައި ލަސްކުރުން ހުއްދަ ނުވާނެކަން އެނގިގެން ދެއެވެ.”
5. ރޯދައިގެ ޙުކުމްތައް ދަސްކޮށް ރަމަޟާން މަހުގެ މާތްކަން ދަސްކުރުން
6. ރޯދަ މަހުގެ އަޅުކަމުން އެއްކިބާކޮށް ދުރުކޮށްފާނެ ކަންކަމުން ދުރުހެލިވުން
7. އަނބިދަރިންނަށް ރޯދައިގެ ޙުކުމްތައް އުނގަންނައިދިނުމާއި ދަރިން ރޯދައަށް އަހުލުވެރި ކުރުވައި ހިތްޖެއްސުވުން
8. ރަމަޟާން މަހު ގޭގައި ކިޔާނެ (ދީނީ) ފޮތްތަކެއް ހޯދުން ނުވަތަ މިސްކިތްކަތުގައި މީހުން މިފަދަ ފޮތް ކިޔުމަށް ހަދިޔާކުރުން
9. ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ޝަޢުބާން މަހު ރޯދަ ހިފުން

ޝަޢުބާން މަހު (ސުންނަތް) ރޯދަހިފުމުގެ އެއް ފައިދާއަކީ ރަމަޟާން މަހުގެ ރޯދައަށް ތަމްރީނުވެލުމެވެ. އެއީ އުނދަގޫކަމާ އެކު ރަމަޟާން މަހުގެ ރޯދައާ ބައްދަލުނުކުރުމަށެވެ. (ޝަޢުބާން މަހު ސުންނަތް ރޯދަ ހިފާ މީހާ) ރަމަޟާން މަހާ ބައްދަލުކުރާނީ ރޯދަހިފުމުގެ މައްޗަށް އާދަވެ ތަމްރީނުވެގެންވާ ޙާލު ފަސޭހަކަމާ ހިތްވަރާ އެކުއެވެ.

އަބޫ ބަކުރު އަލްބަލްޚީ ވިދާޅުވިއެވެ: “ރަޖަބު މަހަކީ ގޮވާންލުމުގެ މަހެވެ. ޝަޢުބާން މަހަކީ ފެންދިނުމުގެ މަހެވެ. ރަމަޟާން މަހަކީ ގޮވާންކެނޑުމުގެ މަހެވެ.” އެކަލޭގެފާނު އަދިވެސް ވިދާޅުވިއެވެ: “ރަޖަބު މަހުގެ މިޘާލަކީ (ވާރެ ވެހެން ފެށުމުގެ ކުރިން ޖެހޭ ފިނި) ވައިރޯޅީގެ މިޘާލެވެ. ޝަޢުބާން މަހުގެ މިޘާލަކީ ވިއްސާރަވިލާގަނޑުގެ މިޘާލެވެ. ރަމަޟާން މަހުގެ މިޘާލަކީ ވާރޭގެ މިޘާލެވެ.”
ރަޖަބު މަހު އޮށް ނުއިންދާ އަދި ޝަޢުބާން މަހު ތައްޔާރުނުވާ މީހާ، ރަމަޟާން މަހު ގޮވާންކަނޑާނީ ކިހިނަކުންހެއްޔެވެ!؟
ރަޖަބު މަސް މި ވަނީ ފާއިތުވެފައެވެ. ރަމަޟާން މަހުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށް ބޭނުންވާ ނަމަ، އެ ކަމަށް ތައްޔާރުވުމަށް ޝަޢުބާން މަހު ތިބާ ކުރަނީ ކޮންކަމެއްހެއްޔެވެ!؟ ބަޔާންވެ އެ ދިޔައީ މި މަތިވެރި މައްސަރުގައި ތިބާގެ ނަބިއްޔާ ﷺ އަދި ސަލަފުންގެ ބޭކަލުންގެ ޙާލެވެ. މި ޢަމަލުތަކުގެ ތެރޭގައި ތިބާ ހުރީ ކިހާ ހިސާބަކުހެއްޔެވެ!؟

ޢާއިޝާ رضي الله عنها ވިދާޅުވިއެވެ:

«كَانَ رَسُولُ اللَّهِ ﷺ يصُومُ حَتَّى نَقُولَ: لَا يُفْطِرُ، وَيُفْطِرُ حَتَّى نَقُولَ: لَا يَصُومُ، فَمَا رَأَيْتُ رَسُولَ اللَّهِ ﷺ اسْتَكْمَلَ صِيَامَ شَهْرٍ إِلَّا رَمَضَانَ، وَمَا رَأَيْتُهُ أَكْثَرَ صِيَامًا مِنْهُ فِي شَعْبَانَ»

މާނައީ: “އެކަލޭގެފާނު އެއްގޮތަކަށް ވެސް ރޯދަ ނުވީއްލަވާނެއޭ ތިމަންކަމަނާމެން ބުނަންދެން ރަސޫލާ ﷺ ރޯދަ ހިއްޕަވައެވެ. އަދި އެކަލޭގެފާނު އެއްގޮތަކަށް ވެސް ރޯދަނުހިއްޕަވާނެއޭ ބުނަންދެން އެކަލޭގެފާނު ރޯދަނުހިއްޕަވައި ހުންނަވައެވެ. ފަހެ އެކަލޭގެފާނު ﷺ ރަމަޟާން މަސް ފިޔަވައި އެހެން މައްސަރެއް، އެ މައްސަރެއްގައި ފުރިހަމައަށް އެއްކޮށް ރޯދަހިއްޕަވަނިކޮށް ތިމަންކަމަނާ ދެކެވަޑައިނުގަންނަވަމެވެ. އަދި ޝަޢުބާން މަހުގައި އެކަލޭގެފާނު (ސުންނަތް) ރޯދަ ހިއްޕަވާ މިންވަރަށް އެހެން މައްސަރެއްގައި ރޯދަހިއްޕަވަނިކޮށް ތިމަންކަމަނާ ދެކެވަޑައިނުގަންނަވަމެވެ.”

އަދި އުސާމާ ބުނު ޒައިދު ވިދާޅުވިއެވެ:

قلتُ: يا رسولَ الله، لم أرَكَ تصومُ شهرًا من الشُّهورِ ما تصومُ من شعبان. قال: «ذلكَ شهرٌ يَغْفُلُ النَّاسُ عنه بين رَجَبٍ ورمضانَ، وهو شهرٌ تُرفَعُ فيه الأعمال إلى ربَّ العالمين، فأُحِبُّ أن يُرْفَعَ عملي وأنا صائم»

މާނައީ: ތިމަންކަލޭގެފާނު ސުވާލުކުރެއްވީމެވެ. ﷲގެ ރަސޫލާއެވެ! ކަލޭގެފާނު ޝަޢުބާން މަހު (ސުންނަތް) ރޯދަހިއްޕަވާ މިންވަރަށް އެހެން މައްސަރެއްގައި ރޯދަހިއްޕަވަނިކޮށް ތިމަންކަލޭގެފާނު ދެކެވަޑައިނުގަންނަވަމެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: “އެ މައްސަރަކީ (އެބަހީ ޝަޢުބާން މަހަކީ) ރަޖަބު މަހާއި ރަމަޟާން މަހާ ދެމެދުގައިވާ، މީސްތަކުން އެ މައްސަރަކާ މެދު ޣާފިލުވެފައިވާ މައްސަރެކެވެ. އެއީ ޢާލަމްތަކުގެ ވެރި ރައްބުގެ ޙަޟްރަތަށް (އަޅުތަކުންގެ) ޢަމަލުތައް އުފުއްލެވޭ މައްސަރެވެ. ފަހެ ތިމަންކަލޭގެފާނު ރޯދައަށް ހުންނަވަނިކޮށް ތިމަންކަލޭގެފާނުގެ ޢަމަލުތައް އުފުއްލެވުމަށް ތިމަންކަލޭގެފާނު ލޯބިކުރައްވަމެވެ.”

10. ކީރިތި ޤުރުއާން ކިޔެވުން

ސަލްމަތު ބުނު ކުހައިލު ވިދާޅުވިއެވެ: “ބުނެވެއެވެ. ޝަޢުބާން މަހަކީ ކީރިތި ޤުރުއާން ކިޔަވާ މީހުންގެ މައްސަރެވެ.”
އަދި ޝަޢުބާން މަސް ބައްދަލުކޮށްފި ނަމަ، ޢަމްރު ބުނު ޤައިސް އަލްމުލާއީ އެކަލޭގެފާނުގެ ފިހާރަ ބަންދުކުރައްވައި ކީރިތި ޤުރުއާން ކިޔެވުމަށް ހުސްވެވަޑައިގަންނަވައެވެ.

މަސްދަރު: އިލްމު.އެމްވީ