Last Updated: June 8, 20:18
Monday, June 8, 2026
ކުޅިވަރު

އާސެނަލަށް ހަތް ޕޮއިންޓުގެ ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލީޑްސް ޔުނައިޓެޑް 4-0 އިން ބަލިކޮށް އާސެނަލުން ލީގުގެ އެއް ވަނައިގައި ހަތް ޕޮއިންޓަށް ލީޑު ފުޅާކޮށްފި އެވެ.

މި މޮޅާއެކު ލީގުގެ އެއްވަނައިގައި އާސެނަލް އޮތީ 24 މެޗުން ލިބުނު 53 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަދި ތިންވަނައިގައި އޮތް އެސްޓަންވިލާ އަށް 23 މެޗުން ލިބިފައިވަނީ 46 ޕޮއިންޓެވެ. ލީގުގައި މާދަމާ ރޭ މެންޗެސްޓާ ސިޓީން ޓޮޓެންހަމްއާ ބައްދަލުކުރާއިރު، ވިލާއިން ނިކުންނާނީ ބްރެންޓްފޯޑާއި ދެކޮޅަށެވެ.

ލީޑްސްގެ ދަނޑުގައި ކުޅުނު މި މެޗުގެ 27 ވަނަ މިނެޓްގައި މާޓިން ޒުބިމެންޑީ ވަނީ އާސެނަލަށް ލީޑު ނަގައިދީފަ އެވެ. މިއީ އަނިޔާގެ ސަބަބުން ބުކާޔޯ ސަކާގެ ބަދަލުގައި ކުޅެން އެރި ނޮނީ މަޑުއޭކޭ ލީޑްސްގެ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ބޮލުން ގޯލަށް ވައްދާލައިގެން ކާމިޔާބުކުރި ގޯލެކެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން އާސެނަލުން ދެވަނަ ގޯލު ކާމިޔާބުކުރިއިރު، މިއީ ލީޑްސްގެ ގޯލްކީޕަރު ކާލް ޑާލޯ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. އާސެނަލްގެ ތިންވަނަ ގޯލު މެޗުގެ 69 ވަނަ މިނެޓްގައި ވިކްޓަ ޔޮކަރޭސް ކާމިޔާބުކޮށްދިންއިރު، އެޓީމުގެ ހަތަރުވަނަ ގޯލު މެޗުގެ 86 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ގެބްރިއަލް ޖީސެސް އެވެ.

މިއީ ތިން މެޗަށްފަހު އާސެނަލުން ލީގުގައި ހޯދި ފުރަތަމަ މޮޅެވެ.

ޕްރިމިއާ ލީގުގައި މިރޭ ބޯންމަތުން ވަނީ 2-0 އިން ވުލްވްސްގެ މައްޗަށް ކުރި ހޯދައިފަ އެވެ. އަދި ފަހު ވަގުތު ޖެހި ގޯލުން އެވަޓަނުން ވަނީ ބްރައިޓަންއާ 1-1 އިން އެއްވަރުކޮށް ޕޮއިންޓެއް ހޯދައިފަ އެވެ.