Last Updated: June 8, 20:18
Monday, June 8, 2026
ކުޅިވަރު

ޗެލްސީ އާއި ލިވަޕޫލަށް މުހިއްމު މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީ އާއި ލިވަޕޫލް ކުޅުނު މެޗުތަކުން މޮޅުވެއްޖެ އެވެ.

މި މޮޅާއެކު ޗެލްސީ އޮތީ 24 މެޗުން ލިބުނު 40 ޕޮއިންޓާ އެކު ލީގުގެ ހަތަރުވަނައިގަ އެވެ. ލިވަޕޫލް އޮތީ 24 މެޗުން ލިބުނު 39 ޕޮއިންޓާ އެކު ލީގުގެ ފަސްވަނައިގަ އެވެ.

އަމިއްލަ ދަނޑުގައި ޗެލްސީ މޮޅުވީ ވެސްޓްހަމް ޔުނައިޓެޑާއި ބައްދަލުކޮށް 3-2 އިންނެވެ.

މި މެޗުގެ ފުރަތަމަ ހާފް ވެސްޓްހަމުން ނިންމާލީ ދެ ގޯލުގެ ލީޑަކާއެކު އެވެ. އެގޮތުން މެޗުގެ ހަތްވަނަ މިނެޓްގައި ވެސްޓްހަމްގެ ފުރަތަމަ ގޯލު ޖެރަޑް ބޮވެން ކާމިޔާބުކޮށްދިންއިރު، ބޮވެން ދިން ޕާހަކުން މެޗުގެ 36 ވަނަ މިނެޓްގައި ވެސްޓްހަމްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ ސަމަވިލް އެވެ.

ދެވަނަ ހާފްގައި ޗެލްސީން ގެނައި ބަދަލުތަކާއެކު ކުޅުން ރަނގަޅު ކުރިއިރު، އެޓީމުގެ ފުރަތަމަ ގޯލު މެޗުގެ 57 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޖައޯ ޕެޑްރޯ އެވެ. އަދި މެޗުގެ 70 ވަނަ މިނެޓްގައި މާކް ކުކުރެލާ ޗެލްސީއަށް ނަތީޖާ އެއްވަރުކޮށްދިން އިރު، އެޓީމު މޮޅުވި ގޯލު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އެންޒޯ ފެނާންޑޭޒް އެވެ.

މެޗުގެ ފަހު ވަގުތުކޮޅުތެރޭ ޗެލްސީގެ ފޯވާޑް ޕެޑްރޯގެ ކަރުގައި ހިފުމުން، ވެސްޓްހަމްގެ ޑިފެންޑަރު ޓޮޑިބޯ އަށް ވަނީ ރަތްކާޑު ދައްކައިފަ އެވެ.

ލިވަޕޫލް ރޭ މޮޅުވީ ނިއުކާސަލް ޔުނައިޓެޑާއި ބައްދަލުކޮށް 4-1 އިންނެވެ. މި މެޗުގެ 36 ވަނަ މިނެޓްގައި އެންތޮނީ ގޯޑަން ނިއުކާސަލަށް ލީޑު ނަގައިދިން ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ހޫގޯ އެކިޓީކޭ ވަނީ ދެ ގޯލު ކާމިޔާބުކޮށް ލިވަޕޫލަށް ލީޑު ނަގައިދީފަ އެވެ.

އަދި މެޗުގެ 67 ވަނަ މިނެޓްގައި މުހައްމަދު ސަލާހު ދިން ޕާހަކުން ލިވަޕޫލްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ ފްލޮރިއަން ވާޓްޒް އެވެ. މެޗުގެ ފަހު ވަގުތުކޮޅުތެރޭ ލިވަޕޫލްގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ޑިފެންޑަރު އިބްރަހިމާ ކޮނާޓޭ އެވެ.