ބޮލީވުޑްގައި މިހާރު އެންމެ މަގުބޫލު އެެއް ޖޯންރާ ކަމަށްވާ ހޮރޯ-ކޮމެޑީއަކަށް އެކްޓަރު އަދިތިޔާ ރޯއި ކަޕޫރް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުން ބުނީ މި އަހަރުގެ މެއި މަހުގެ ތެރޭގައި ޝޫޓިން ފަށަން ޕްލޭންކޮށްފައިވާ މި ފިލްމަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ހަދާ ފިލްމެއް ކަމަށެވެ. ބޮލީވުޑް ހަންގާމާ އިން ބުނީ މިއަށްވަމުން އަންނަ ތައްޔާރީތަކުގެ ދަށުން ފިލްމަށް މަޝްހޫރު ބަތަލާއެެއް ނެގުމުގެ އިތުރަށް، އިތުރު ކާސްޓުން ވެސް ފައިނަލް ކުރަމުން އަންނަ ކަމަށެވެ.
ނަމަވެސް އަދިތިޔާގެ ފުރަތަމަ ހޮރޯ-ކޮމެޑީގެ ނަމާއި މި ޑައިރެކްޓްކުރާ މީހަކާ ބެހޭ މައުލޫމާތެއްް އަދި ސާފެއް ނުވެ އެވެ.
ކަރަންގެ ދަރުމާ އިން ކުރިން ވެސް ބިރުވެރި ފިލްމުތަކެއް ގެނެސްދީފައިވެ އެވެ. އެއީ އަޖޭ ދޭވްގަން އާއި ޖޯން އަބްރަހަމާ އެކު 2005 ގައި ގެނެސްދިން "ކާލް" އާއި ވިކީ ކޯޝަލްގެ 2020 ގެ "ބޫތު-ޕާޓް 1: ދަ ހޯންޓެޑް ޝިޕް" އެވެ.
ދަރުމާގެ އާ ފިލްމަކަށް އަދިތިޔާ، 40، ތައްޔާރުވަމުން އަންނަ އިރު، އެ ސްޓޫޑިއޯގެ ތިން ފިލްމެއް އޭނަ ކުރިން ވެސް ކުޅެފައިވެ އެވެ. އެއީ "އޯކޭ ޖާނޫ" އާއި "ޔޭ ޖަވާނީ ހޭ ދީވާނީ" ގެ "އިތުރުން ކަލަންކް" އެވެ.
އަދިތިޔާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "މެޓްރޯ…އިން ދިނޯ" އެވެ.