Last Updated: June 5, 22:30
Friday, June 5, 2026
ދުނިޔެ

99 އަހަރުވީ ރެސްޓޯރަންޓެއް ހައްގުގައި ޕެޓިޝަނެއް

އިނގިރޭސިވިލާތުގައި ހިންގަމުން އަންނަތާ 99 އަހަރުވެފައިވާ އިންޑިއާގެ ރެސްޓޯރަންޓެއް ބަންދު ކުރަން ޖެހިދާނެތީ އެކަން ހުއްޓުވައި ދޭން އެދި ގިނަ ބަޔަކު ޕެޓިޝަނެއްގައި ސޮއިކޮށް، އެ ޕެޓިޝަން ރަސްގެފާނު ޗާލްސް އަށް ހުށަހަޅަން ތައްޔާރުވާން ފަށައިފި އެވެ.

'ދަ ވީރަސުވާމީ ރެސްޓޯރަންޓް' ގެ ނަމުގައި ލަންޑަންގެ ރެޖެންޓް ސްޓްރީޓް ހިންގަމުން އަންނަ މި ރެސްޓޯރަންޓަކީ 1926 ގައި ހުޅުވި ތަނެލެވެ. އަދި މިއީ އިނގިރޭސިވިލާތުގައި ހުރި އިންޑިއާގެ ކެއުންތަކަށް ހާއްސަ އެންމެ ދުވަސްވީ ރެސްޓޯރަންޓް ވެސް މެ އެވެ.

މިޝެލިން ސްޓާ ވެސް ލިބިފައިވާ 'ވީރަސުވާމީ' އަށް ގަރުނެއްވާން ކައިރިވެފައިވާ އިރު، ރެސްޓޯރަންޓް ބަންދު ކުރަން ޖެހިދާނެކަމުގެ ބިރު ބޮޑުވީ އެތަން ހިންގަމުން އަންނަ އިމާރާތުގެ ކުލީގެ މުއްދަތު އިތުރުކޮށް ނުދޭން ބިމުގެ ވެރިފަރާތް ކަމަށްވާ އަމިއްލަ ޕްރޮޕަޓީ ކުންފުނި، ކްރައުން އެސްޓޭޓުން ނިންމާފައިވާތީ އެވެ.

އެތަނުން ބުނެފައިވާ ގޮތުގައި އެ އިމާރާތަކީ ދުވަސްވުމުގެ ސަބަބުން ވަރަށް ބޮޑަށް މަރާމާތު ކުރަން ޖެހިފައިވާ ތަނެކެވެ. އެހެންވެ އެތަނުގައި ރެސްޓޯރަންޓް ހިންގަމުން އެ މަސައްކަތް ކުރިއަށް ގެންދެވެން ނެތް ކަމަށް ބުނެފައިވެ އެވެ.

މިކަމާ ގުޅިގެން 'ދަ ވީރަސުވާމީ ރެސްޓޯރަންޓް' ގެ ވަފާތެރި ކަސްޓަމަރުންތަކެއް އަންނަނީ އެތަނުގެ 'ރައްކާތެރިކޮށް، ހިމާޔަތްކޮށްދޭން' ދޭން ގޮވައިލަމުނެވެ. އެގޮތުން 'ދަ ވީރަސުވާމީ ރެސްޓޯރަންޓް' އަކީ އިންޑިއާ އާއި އިނގިރޭސިލާތުގެ ގުޅުން ވެސް ރަމްޒުކޮށްދޭ ދިރިހުރި ތާރީހީ ތަނެއް ކަމަށް ކަމަށް ޕެޓިޝަނުގައި ފާހަގަކޮށްފައިވެ އެވެ.

މި ޕެޓިޝަން ވަރަށް އަވަހަށް ބަކިމްހަމް ޕެލަސް ހުށަހަޅަން ހަމަޖެހިފައިވެ އެވެ.

އިންޑިއާ އަށް ނިސްބަތްވާ ވަރަށް ބޮޑު އާބާދީއެއް ވެސް ދިރިއުޅޭ އިނގިރޭސިވިލާތުގައި އިންޑިއާގެ ރެސްޓޯރަންޓެއްގެ ހައްގުގައި ޕެޓިޝަނެއްގައި ސޮއިކުރަމުން އަންނަ އިރު، އޭގައި މިހާތަނަށް 18،000 އަށް ވރެ ގިނަ މީހުން ސޮއިކޮށްފައިވެ އެވެ. ޕެޓިޝަންގައި އިނގިރޭސިވިލާތުގެ މަޝްހޫރު ބައެއް ޝެފުން ވެސް ސޮއިކޮށްފައިވެ އެވެ. އޭގެ ތެރޭގައި ރޭމަންޑް ބްލާންކް އާއި މައިކަލް ރޫޒް އަދި ރިޗަޑް ކޮރިގަން ހިމެނެ އެވެ.

'ދަ ވީރަސުވާމީ ރެސްޓޯރަންޓް' އަށް 100 އަހަރު ފުރޭނީ އަންނަ މާޗް މަހުގެ ތެރޭގަ އެވެ. އެކަން ކުލަގަދަކޮށް ފާހަގަ ކުރަން ވެސް އަންނަނީ ތައްޔާރީތައް ވަމުންނެވެ.