Last Updated: June 5, 22:30
Friday, June 5, 2026
މުނިފޫހިފިލުވުން

ސަނީގެ 'ގަތަކު' ދެވަނަ ބައި ހަދަނީ

ބޮލީވުޑްގެ ތަރި ސަނީ ޑިިއޯލްގެ ވަރަށް ކާމިޔާބު ފިލްމެއް ކަމަށްވާ 'ގަތަކް' ގެ ދެވަނަ ބައެއް ހަދަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނީ 1996 ގައި ޑައިރެކްޓަރު ރާޖްކުމާރު ސަންތޯޝީ ގެނެސްދިން އެކްޝަން ތުރިލާގެ ދެވަނަ ބައި ހަދަން ޑައިރެކްޓަރު ޝައުގުވެރިކަން ފާޅުކޮށް، އޭގެ ވާހަކަ ކުރިއަށް ގެންދާނެ ގޮތުގެ ހިޔާލެއް ސަނީއާ ހިއްސާކޮށްފައިވާ ކަމަށެވެ. އަދި މި ވަގުތު ސަނީ، މަނާލީގައި ކުރު ޗުއްޓީއެއް ހޭދަ ކުރަމުން އަންނަ އިރު، 'ގަތަކު 2' އާ ބެހޭ ގޮތުން މަޝްވަރާ ކުރަން ސަނީގެ އެދުމުގެ މަތިން ސަންތޯޝީ އިއްޔެ އެތަނަށް ވެސް ގޮސްފައިވާ ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.

މީގެ 30 އަހަރު ކުރިން ގެނެސްދިން ފިލްމުގެ ދެވަނަ ބަޔަކަށް ޑައިރެކްޓަރު ޝައުގުވެރިކަން ފާޅުކުރި އިރު، ސަންތޯޝީގެ ކުރިއަށް އޮތް ފިލްމަކީ ވެސް ސަނީގެ ފިލްމެކެވެ. އާމިރު ޚާން ޕްރޮޑިއުސްކޮށް، މިދިޔަ އަހަރު ޝޫޓިން ނިންމާފައިވާ 'ލާހޯރް، 1947' އެވެ.

އެ ރިލީޒް ކުރާނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.

ސަންތޯޝީއާ އެކު ސަނީ މަސައްކަތްކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި 1990 ގެ 'ގާޔަލް' އާއި 1993 ގެ 'ދާމިނީ' ވެސް ހިމެނެ އެވެ. ވަކީލެއްގެ ރޯލު ސަނީ ކުޅުނު ލީގަލް ޑްރާމާ 'ދާމިނީ' އިން އޭނަ އަށް އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ ނެޝަނަލް އެވޯޑް ވެސް ލިބުނެވެ.

ސަނީއާ އެކު 'ގަތަކު 2' ހަދަން ސަންތޯޝީ ހުށަހެޅި އިރު، މިދިޔަ އަހަރު ރިލީޒްކުރި ސަނީގެ 'ޖާޓް' ގެ ދެވަނަ ބައި ޑައިރެކްޓް ކުރަން ސަންތޯޝީ އަށް ހުށަހަޅާފައިވާކަމުގެ އަޑުތަކެއް ވެސް އަރާފައިވެ އެވެ.

ސަނީ، 68، ގެ އެންމެ ފަހުގެ ފިލްމަކީ އިންޑިއާގެ ބޮކްސް އޮފީހުގައި މިހާރު ރަސްކަން ކުރަމުން އަންނަ 'ބޯޑާ 2' އެވެ. އޭނަގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި 'ގަބްރޫ'، 'އިއްކާ' އަދި 'ރާމާޔަން' ގެ ދެ ބައި ހިމެނެ އެވެ.