Last Updated: June 5, 10:30
Friday, June 5, 2026
ޚަބަރު

ތަރުބަވީ ޕްރޮގްރާމް "ބިންގާ" ސްކޫލްތަކަށް

ސްކޫލްތަކުގެ ދަރިވަރުންގެ މެދުގައި އަޚްލާޤީ ރީތި ސިފަތަކާއި އާދަތައް އަށަގެންނެވުމުގެ މަޤްޞަދުގައި ހިންގާ ތަރުބަވީ ޚާއްސަ ޕްރޮގްރާމް "ބިންގާ" ސްކޫލްތަކުގައި އެޑިއުކޭޝަން މިނިސްޓްރީން އަންގައިފި އެވެ.

މިއީ ސްކޫލްތަކާއި ބެލެނިވެރިންގެ އިތުރުން މުޅި މުޖުތަމަޢުގެ ބައިވެރިވުމާއެކު މުޅި އަހަރު ދުވަހަށް ބަހާލައިގެން ކުރިއަށް ގެންދަން ރާވާފައިވާ ޕްރޮގްރާމެކެވެ.

މިނިސްޓްރީން ސްކޫލްތަކަށް ފޮނުވި ސާކިއުލާގައި ބުނީ "ބިންގާ" ޕްރޮގްރާމްގެ ހަރަކާތްތައް ބިނާވެފައި ވަނީ ކޮންމެ މަހަކަށް ކަނޑައަޅާ ވަކި ތީމެއްގެ މައްޗަށެވެ. އެގޮތުން މި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައި ވަނީ "ޝުކުރުވެރިވުން" މި ތީމްގެ ދަށުންނެވެ.

ކޮންމެ މަހެއް ފެށުމުގެ ކުރިން އެ މަހަކަށް ކަނޑައަޅާ ތީމް މިނިސްތްރީން ސްކޫލްތަކާ ހިއްސާކުރާނެ އެވެ.

މި ޕްރޮގްރާމްގެ ތެރެއިން ދަރިވަރުންގެ ކިބައިގައި އިޙްތިރާމް ކުރުމާއި، ޒިންމާނެގުމާއި، ސާފުތާހިރުކަމުގެ އިތުރުން އޯގާތެރިކަން ފަދަ ސިފަތައް އަށަގެންނެވުމަށް ޚާއްސަ އިސްކަމެއް ދޭނެ އެވެ. އަދި ދީނީ ވާޖިބުތަކަށް، ޚާއްސަކޮށް ފަސް ނަމާދަށް ބާރުއެޅުމުގެ ގޮތުން ކޮންމެ މަހެއްގެ ތީމާ ނަމާދާ ހުރި ގުޅުން ދަރިވަރުންނަށް އޮޅުން ފިލުވައިދޭން ޖެހޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

"ބިންގާ" ޕްރޮގްރާމްގެ ދަށުން ކޮންމެ މަހަކު ވެސް ތީމް ތަޢާރަފު ކުރަން ސްކޫލްތަކުން ޚާއްސަ އެސެމްބްލީއެއް ބާއްވާނެ އެވެ. މީގެ އިތުރުން ރަށު ފެންވަރުގައި ޕެނަލް ޑިސްކަޝަންތައް ބޭއްވުމާއި، އެކި މާއްދާތަކުގެ ތެރެއިން ތީމާ ގުޅޭ މަޢުލޫމާތު ފޯރުކޮށް ދިނުމަށް އަންގާފައިވެ އެވެ.

ސްކޫލްތަކުން ހިންގާ މި ހަރަކާތްތައް އެ ސްކޫލެއްގެ މީސްމީޑިއާ މަންސަތަކުގައި ހިއްސާ ވެސް ކުރަން ޖެހެ އެވެ.

"ބިންގާ" ޕްރޮގްރާމް ވިލަރެސް ކުރަން މިނިސްޓްރީން ވަނީ ޚާއްސަ ކޮމިޓީއެއް ވެސް އެކުލަވާލައިފަ އެވެ. އެ ކޮމިޓީން ސްކޫލްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދިނުމުގެ އިތުރުން، ޕްރޮގްރާމް ކުރިއަށްދާ މިންވަރު ވަޒަންކުރަމުން ދާނެ އެވެ.

ސްކޫލްތަކުގައި މި ޕްރޮގްރާމް ހިންގުމުގެ އެންމެ އިސް ޒިންމާއެއް އުފުލާނީ އެ ސްކޫލެއްގެ ޕްރިންސިޕަލެވެ.