Last Updated: June 8, 20:18
Monday, June 8, 2026
ޚަބަރު

މިހާތަނަށް 26،000 އަށްވުރެ ގިނަ މަސްދަޅު ކޭސް ބަހައިފި

މާލެ ސަރަހައްދުން މިހާތަނަށް 26،000 އަށްވުރެ ގިނަ މަސްދަޅު ކޭސް ދޫކޮށްފައިވާ ކަަމަށް ސިޓީސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

ރޯދަ ހަދިޔާގެ ގޮތުގައި މިއީ މަސްކޭސް ދޫކުރާ ދެވަނަ އަހަރެވެ. މިއަހަރު މަސްކޭސް ދޫކުރަން ފެށީ މިދިޔަ ހޮނިހިރު ދުވަހުގެރެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޝަރީފް ވިދާޅުވީ މުޅި ރާއްޖޭގައި ރޯދަ ހަދިޔާ ބެހުން ކުރިއަަށްދާ ކަމަށާއި މާލޭގައި ރޭގެ ނިޔަލަށް
26,739 މަސްދަޅު ކޭސް ދޫކޮށްފައިވާ ކަމަށެވެ.

އަދި މި މަހު 11 ގެ ނިޔަލަށް މާލޭގައި މިހާރު ދޫކުރާ ތަންތަނުން ރޯދަ ހަދިޔާ ދޫކުރާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ބަހާ މަސްދަޅު ކޭސްތައް އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް ވެސް ފަށާފައިވާއިރު، ރަށްތަކުގައި މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެ ރަށެއްގެ ކައުންސިލުގެ ބެލުމުގެ ދަށުންނެވެ.

މި އަހަރު ރޯދަ ހަދިޔާ ބެހުމަށް އެކުލަވައިލި ގޭބިސީ ލިސްޓުގައިވާ ގޮތުން ރަށްރަށާއި ސިޓީތަކުގެ ގޭބިސީގެ ޖުމުލަ ޢަދަދަކީ 56,918 އެވެ. ޑޮމެސްޓިކް މީޓަރގެ ޢަދަދަކީ 61,755 އެވެ.

މި އަހަރުގެ ރޯދަ ހަދިޔާގެ ގޮތުގައި ޖުމުލަ 118,673 މަސްދަޅު ކޭސް ބެހިގެންދާނެ އެވެ.