ޝައިޚް ޢަބްދުއްރަޙްމާން ބިން ނާޞިރު އައް-ސަޢްދީ ރަޙިމަހުﷲ ވިދާޅުވެފައިވެ އެވެ.
މީސްތަކުން 4 ބަޔަކަށް ބެހިގެންވެ އެވެ.
1. އެ މީހަކީ ހެޔޮ މީހަކަށް ވެފައި އެހެޔޮކަން އޭނާގެ ފަރާތުން އެހެން މީހުންނަށް ވެސް ފޯރާ މީހާއެވެ. މިއީ ﷲއަށް އީމާންވާ، ޤުރުއާން ކިޔަވާ ދީން އުގަންނައިދޭ މުއުމިން އަޅާއެވެ. އޭނާގެ ސަބަބުން އޭނާގެ އަމިއްލަ ނަފްސަށާއި އަދި އެހެން މީހުންނަށް ވެސް ފައިދާކުރެއެ ވެ. އަދި އޭނާ ވީ ކޮންމެ ތަނެއްގައިވެސް އޭނާއަށް ބަރަކާތް ލެއްވިގެން ވެއެވެ. ﷲ ތަޢާލާ ޢީސާގެފާނާއި މެދު ވަޙީ ކުރެއްިވި ފަދައިންނެވެ.
وَجَعَلَنِي مُبَارَكًا أَيْنَ مَا كُنتُ وَأَوْصَانِي بِالصَّلَاةِ وَالزَّكَاةِ مَا دُمْتُ حَيًّا ﴿٣١﴾
މާނައީ: “އަދި މިއަޅާ ކޮންމެ ތަނެއްގައި ވީނަމަވެސް، ބަރަކާތްލައްވާފައިވާ އަޅަކު ކަމުގައި މިއަޅާ ލެއްވިއެވެ.” [ސޫރަތު މަރްޔަމް: 31]
2. އެ މީހަކީ އެމީހާގެ އަމިއްލަ ނަސްފު ހެޔޮކޮށް، ސާލިހު ޢަމަލުކޮށް އުޅޭ މީހާ އެވެ. އެއީ ހެޔޮ މީހެކެވެ. އެއީ ﷲ އަށް އީމާންވާ، ނަމަވެސް އެހެން މީހުންނަށް ފޯރުކޮށް ދެވޭނޭ ފަދަ ޢިލްމެއް އޭނާގެ ކިބައިގައި ލިބިފައިނެތް، މުއުމިން އަޅާ އެވެ.
3. އެ މީހަކީ އެއްވެސް ހެޔޮކަމެއް އޭނާގެ ކިބައިގައި ނެތް، ނަމަވެސް އޭނާގެ އަމިއްލަ ނަފްސު ފިޔަވާ އެހެން މީހުންނަށް އެކަމުގެ ނޭދޭވޭ އަސަރު ނުފޯރުވާ މީހާ އެވެ.
4. އެ މީހަކީ އަމިއްލަ ނަފްސަށް އަނިޔާވެރިވުމުގެ އިތުރުން އެހެން މީހުންނަށް ވެސް އަނިޔާވެރިވާ މީހާ އެވެ. މީސްތަކުންގެ ތެރެއިން އެންމެ ނުބައިކަން ބޮޑު ބަޔަކީ މިއީ އެވެ. ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެ އެވެ.
﴿الَّذِينَ كَفَرُوا وَصَدُّوا عَن سَبِيلِ اللَّـهِ زِدْنَاهُمْ عَذَابًا فَوْقَ الْعَذَابِ بِمَا كَانُوا يُفْسِدُونَ﴾ [النحل 88]
މާނައީ: (اللَّه އަށާއި އެކަލާނގެ ރަސޫލާއަށް) ކާފިރުވެ، އަދި اللَّه ގެ މަގުން (އެހެން މީހުން) އެއްކިބާކުރި މީހުންނަށް، ޢަޛާބުގެ މައްޗަށް ޢަޛާބު ތިމަންއިލާހު އިތުރުކުރައްވާ ހުށީމެވެ. އެއީ، އެއުރެން ފަސާދަކޮށް އުޅުނުކަމަށްޓަކަ އެވެ.”
ނޯޓް: މިއީ ޝައިހް މުހައްމަދު ޝާފިއުގެ ލިޔުއްވުމެކެވެ.