މިދިޔަ މަހު ރާއްޖެއަށް ރެކޯޑު އަދަދަކަށް ޓޫރިސްޓުން ޒިޔާރަތްކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ރާއްޖެއަށް 224،788 ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެ ޒިޔާރަތްކުރި 214،863 ފަތުރުވެރިންނަށްވުރެ 4.6 ޕަސެންޓް އިތުރުވުމެކެވެ.
ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން އަންނަ މާކެޓުތަކަށް ބަލާއިރު، ލިސްޓުގެ ކުރީގައި އުޅެނީ ރަޝިޔާ އެވެ. އެ ގައުމުން 29,370 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. ދެވަނައިގައި އިޓަލީ އޮތީ 23,171 ފަތުރުވެރިންނާއެކުގަ އެވެ. މިދިޔަ އަހަރު އެއްވަނައިގައި އޮތް ޗައިނާ މިހާރު އޮތީ ތިންވަނައިގަ އެވެ. އެ ގައުމުން ޖެނުއަރީ މަހު އައީ 22,676 ފަތުރުވެރިންނެވެ. މީގެ އިތުރުން އިނގިރޭސިވިލާތުން 20,478 އަދި ޖަރުމަނުވިލާތުން 14,028 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ.
ރާއްޖޭގައި މިވަގުތު 179 ރިސޯޓާއި 901 ގެސްޓްހައުސް އާއި 174 ސަފާރީ އުޅަނދު އަދި 16 ޓޫރިސްޓް ހޮޓާ ދަނީ ހިންގަމުންނެވެ. މި ފެސިލިޓީތަކުގައި ފަތުރުވެރިންނަށް ހުރި އެނދުގެ އަދަދަކީ 66،906 އެވެ.