ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބަށް ޝަރުތު ހަމަވީ 2،993 ކެންޑިޑޭޓުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
ކައުންސިލް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ މަހުގެ 17 ވަނަ ދުވަހު ހުޅުވާލިއިރު، އެ މުއްދަތު ހަމަވީ އިއްޔެ ހަވީރު އެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ލޯކަލް ކައުންސިލްތަކުގެ އެކި މަގާމުތަކަށް ޖުމްލަ 1,936 ފޯމު ހުށަހަޅާފައިވެ އެވެ. އޭގެ ތެރެއިން ކޮމިޝަނުން ބަލައިގަނެފައިވަނީ 1,610 ފޯމެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް ވާދަކުރުމަށް 1,611 ފޯމު ހުށަހެޅިއިރު، އޭގެ ތެރެއިން ސައްހަ ކަމަށް ބަލައިގަނެފައިވަނީ 1,383 ފޯމު ކަމަށް އެ ކޮމިޝަނުން ބުނެފައިވެ އެވެ.
މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު މިދިޔަ މަހުގެ 8 ވަނަ ދުވަހު ވަނީ އާންމުކޮށްފަ އެވެ. އެ ލިސްޓުގައިވާ ގޮތުން ޖުމްލަ 294,937 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ. މީގެ ތެރޭގައި ހިމެނެނީ 150,410 ފިރިހެނުންނާއި 144,527 އަންހެނުންނެވެ.
މިފަހަރުގެ އިންތިހާބުގައި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް ހިމެނޭ ގޮތަށް ޖުމްލަ 629 ކައުންސިލަރުން އިންތިހާބު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.