ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓުން ހޮވުމަކީ ރައްޔިތުން ކުރާނެ އެންމެ ބޮޑު މޮޔަ ކަންތައް ކަމަށް ވެރިކަން ކުރާ ޕީޕަލްސް ނެޝަަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ މެދުހެންވޭރު ކެމްޕޭން އޮފީސް ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ މި ސަރުކާރުން ވަނީ މާލެ އާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހައުސިން އާއި ތަރައްގީގެ އެތައް މަޝްރޫއެއް ފަށާފައި ކަމަށެވެ.
"އެ މަޝްރޫއުތައް ހުއްޓާލަން، އެ ހިދުމަތްތައް ރައްޔިތުންނަށް ދިނުމަށް ދެކޮޅު ހެދުމުގެ ނިޔަތުގައި ނޫނީ ހަގީގަތުގައި އެމްޑީޕީގެ ބޭފުޅަކަށް ކައުންސިލަށް ވެއްދުމަކީ ރައްޔިތުން ކުރާނެ އެންމެ ބޮޑު މޮޔަކަން. އަޅުގަނޑު ދަންނަވާލަން ބޭނުން ތަކުރާރުކޮށް، އޭގެ ތެރޭގައި ރަނގަޅު ވިސްނުމުގެ ބޭފުޅުން ތިބޭނެ. އެހެންނަމަވެސް އެއީ އެބޭފުޅުންގެ ތެރެއިން ކުރިމަތިލީ އަދަދުތަކަށް ބަލާއިރު، އެ ވެދާނެ ދިހަ ޕަސަންޓު ކަމަށް. އޭގެ ބޮޑު ބަޔަކީ ދެކޮޅު ހަދާނެ ބައެއް،" ފަލާހު ވިދާޅުވި އެވެ.
ފަލާހު ވިދާޅުވީ އެމްޑީޕީން ކެމްޕޭން ތެރޭގައި ދައްކާ ވާހަކަތައް ވަރަށް ކަނުލާ އަޑުއަހަން ވާނެ ކަމަށާއި އެގޮތުން ތިމަންނަމެން އިންތިހާބުކުރުމަށް މި އެދެނީ ސަރުކާރު ޒިންމާދާރުކުރުވުމަށްޓަކާ ކަމަށް އެމްޑީޕީގެ ބޭފުޅުން ސޯޝަލް މީޑިއާގައި ކުރާ ޕޯސްޓުތަކުގައި ބުނަމުންދާއިރު، ކައުންސިލްތަކަކީ ސަރުކާރު ޒިންމާދާރުކުރުވަން އިންތިހާބުކުރާ ބައެއް ނޫން ކަމަށެވެ.
އަދި 2008 ވަނަ އަހަރު ފާސްކުރެވުނު ގާނޫނުއަސާސީގެ ދަށުން ތިން ބާރު ވަކިކުރެވިފައި ވަނީ ވަރަށް ފުރިހަމައަށް ކަމަށާއި ސަރުކާރު ޖަވާބުދާރީކުރުވުމުގެ ނަމުގައި އިތުރު ބާރެއް އުފައްދަން ނުޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.