Last Updated: June 8, 20:18
Monday, June 8, 2026
ދުނިޔެ

އެޕްސްޓީން ފައިލް: ސްލޮވާކިއާގެ ސެކިއުރިޓީ އެޑްވައިޒަރު އިސްތިއުފާ ދީފި

ދެ ހާހުގެ ކުރީ ކޮޅުން ފެށިގެން އެމެރިކާގެ ނިއުޔޯކާއި ފްލޮރިޑާގައި ގިނަ އަދަދެއްގެ ކުޑަ އަންހެން ކުދިން ޓްރެފިކްކޮށް، އެ ކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ބޮޑު ރިންގެއް ހިންގަމުންދިޔަ ޖެފްރީ އެޕްސްޓީންއާ އެކު ބަދަލުކުރި މެސެޖުތައް ފަޅާއެރުމުން ސްލޮވާކިއާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު މިރޮސްލާވް ލައިޗަކް އިސްތިއުފާ ދީފި އެވެ.

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ހާމަކޮށްފައިވާ އެޕްސްޓީންގެ އީމެއިލް އަދި އެސްއެމްއެސް މުއާމަލާތްތަކުން އެނގޭ ގޮތުގައި ލައިޗަކް ސްލޮވާކިއާގެ ފޮރިން މިނިސްޓަރުގެ މަގާމުގައި ހުންނެވި ދުވަސްވަރު، އޭނާ އާއި އެޕްސްޓީންއާ ދެމެދު ވަނީ އަންހެނުންނާ ބެހޭގޮތުންނާއި ރަޝިއާގެ ފޮރިން މިނިސްޓަރު ސަރްގޭ ލަވްރޯވްއާ އެކު ބާއްވަން އޮތް ބައްދަލުވުމަކާ ބެހޭގޮތުން މެސެޖުތައް ބަދަލުކޮށްފަ އެވެ.

އަދި 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހު ފޮނުވި އީމެއިލެއްގައި، އަންހެން ފިލްމު ޕްރޮޑިއުސަރެއްގެ ފިލްމު އެ އަހަރުގެ އޮސްކާ އެވޯޑްސްގެ ޝޯޓްލިސްޓުގައި ހިމެނުމަށް އެހީތެރިވެދިނުމަށް ލައިޗަކް ވަނީ އެޕްސްޓީންގެ ކިބައިން އެދިފަ އެވެ.

ހުކުރު ދުވަހު މި ފައިލްތައް އާންމުވުމުން، ލައިޗަކް ފުރަތަމަ ވަނީ އެޕްސްޓީންއާ އެކު އަންހެނުންނާ ބެހޭގޮތުން ވާހަކަދެއްކި ކަމަށް އިންކާރުކޮށްފަ އެވެ. ނަމަވެސް، ފަހުން އޭނާ ބުނެފައިވަނީ އިސްތިއުފާ ދޭން ނިންމީ ސްލޮވާކިއާގެ ބޮޑުވަޒީރު ރޮބަޓް ފީކޯއަށް ސިޔާސީ ގޮތުން ލިބިދާނެ ގެއްލުމަކުން ސަލާމަތްކުރުމަށްޓަކައި ކަމަށް ބުނެފަ އެވެ.

މުއްސަނދިންނާއި ނުފޫޒުގަދަ ސިޔާސީ މީހުންނާއި ގުޅުން ބަދަހިކުރި އެޕްސްޓީން 2019 ވަނަ އަހަރު ހައްޔަރުކުރީ ޖިންސީ ވަގުފާރީގެ ފެޑެރަލް ތުހުމަތުގަ އެވެ. އޭނާ ހައްޔަރުކުރިތާ ގާތްގަނޑަކަށް މަހެއްހާ ދުވަސް ފަހުން ނިއު ޔޯކް ސިޓީގެ ފެޑެރަލް ޖަލެއްގައި ހުންނަ އޭނާގެ ގޮޅީގެ ތެރޭގައި މަރުވެފައި އޮއްވާ ވަނީ ފެނިފަ އެވެ.