Last Updated: June 5, 22:30
Friday, June 5, 2026
މުނިފޫހިފިލުވުން

މާ ރީތި ކަމަށް ބުނެ ފިލްމަކުން ވަކިކުރި: ނަކުލް

ސޮއިކުރި ފިލްމެއްގެ ޝޫޓިން ވެސް ފަށަން ތައްޔާރުވެފައި ވަނިކޮށް މާ ރީތި ކަމަށް ބުނެ އެއިން ވަކިކުރި ކަމަށާއި ފަހުން އެ ފިލްމު ނުވެސް ހަދާ ކަމަށް އިންޑިއާގެ އެކްޓަރު ނަކުލް މެހެތާ ބުނެފި އެވެ.

ބޮލީވުޑްގެ އެކްޓަރަކަށް ވުރެ ބޮޑަށް ޓީވީ އެކްޓަރެއްގެ ގޮތުގައި މަޝްހޫރުވި 43 އަހަރުގެ ނަކުލް ނިއުސް18 އަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނަ ވަކިކުރީ ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރެއްގެ ފިލްމަކުން ކަމަށެވެ. އޭގައި ކުޅެން އޮތީ ރާޖަސްތާންގެ ރަސްކަލެއްގެ ރޯލު ކަމަށް ވެސް އޭނަ ބުންޏެވެ.

"އެއަށް ވި ތައްޔާރީތަކުގެ ދަށުން ތާރީހު ވެސް ހަމަޖައްސައި، ވޯކްޝޮޕްތަކެއް ބާއްވައި ފޮޓޯޝޫޓެއް ވެސް ކުރިއަށް ގެންގޮސް ހުރިހާ ރެޑީއެއްވެފައ ވަނިކޮށް ލިބުނު ފޯނު ކޯލެއްގައި ޑައިރެކްޓަރު ބުނަނީ ފިލްމުގައި ކުޅެން ޖެހޭ ރޯލަށް ފިޓްވާ ވަރަށް ވުރެ ނަކުލް މާ ރީއްޗޭ،" 2008 ގެ ފިލްމު "ހާލޭ ދިލް" ގެ ބަތަލު ބުންޏެވެ. "އެހެންވީމަ ނަކުލްއާ ނުލައޭ ފިލްމު ހަދަން ވިސްނަނީ."

ނަކުލް ބުނީ ޑައިރެކްޓަރުގެ އެ ކޯލާ އެކު ލިބުނީ ވަރަށް ބޮޑު ޝޮކެއް ކަމަށާއި އޭނަގެ ވާހަކަތަކާ ގުޅިގެން ބުނާނެ ވަކި އެއްޗެއް ވެސް ނޭނގުނު ކަމަށެވެ. ނަމަވެސް ޑައިރެކްޓަރުގެ އެ ބަހަނާ އަކީ ފިލްމުން އޭނަ ވަކި ކުރުން ކަމަށް ގަބޫލު ކުރެވޭ ކަމަށް ނަކުލް ބުންޏެވެ.

"އެ ނޫން އެއްވެސް ބަހަނާއެއް އަސްލު ނެތް." ދެ ދަރިން ތިބި އެކްޓަރު ބުންޏެވެ.

ނަމަވެސް އެއީ ކޮން ޑައިރެކްޓަރެއްކަން ހާމަނުކޮށް ނަކުލް ބުނީ އެއީ ވަރަށް ފަހުން މައްސަލައެއްގައި ޖަލަށް ދާން ޖެހުނު ޑައިރެކްޓަރެއް ކަމަށެވެ.

އޭނަގެ އެ ތަޖުރިބާ އަށް ފަހު، ފިލްމުތަކަށް އޮތް ޝައުގުވެރިކަން ގެއްލި ޓީވީ އުފެއްދުންތަކަށް ސަމާލުކަން ދޭން ފެށި ކަމަށް ނަކުލް ބުންޏެވެ. އޭނަ ކުޅެފައިވާ މަގުބޫލު ސިލްސިލާތަކުގެ ތެރޭގައި "ޕިޔާރު ކާ ދަރުދު ހޭ މީތާ މީތާ ޕިޔާރާ ޕިޔާރާ" އާއި "އިޝްގްބާޒް" އަދި "ބަޅޭ އައްޗޭ ލަގްތޭ ހޭ" ސީޒަން ދޭކާއި ތިނެއް ހިމެނެ އެވެ.

މި ފަހުން ނަކުލް އަންނަނީ ވެބް ސީރީޒްތަކުގައި ވެސް މަސައްކަތް ކުރަމުންނެވެ. އެގޮތުން އޭނަ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ މަހުގެ 28 ގައި ޖިއޯހޮޓްސްޓާ އިން ގެނެސްދިން 5 އެޕިސޯޑްގެ "ސްޕޭސް ޖެން: ޗަންދުރަޔާން" އެވެ.

ކަރަން ޖޯހަރްގެ ދަރުމާ އިން މިދިޔަ އަހަރު އެމެޒޯން ޕްރައިމް ވީޑިއޯ އަށް ގެނައި 8 އެޕިސޯޑްގެ ސީރީޒް "ޑޫ ޔީ ވޮނަ ޕާޓް؟" ގެ ރޯލެއް ވެސް ނަކުލް ކުޅެފައިވެ އެވެ.