Last Updated: June 6, 06:06
Saturday, June 6, 2026
ޚަބަރު

ސަރުކާރުން މާލީ ތަޖުރިބާކާރުންގެ ލަފައަށް ތަބާވާން ޖެހޭ

ރާއްޖޭގެ މާލީ ދާއިރާގެ ތަޖުރިބާކާރުން، އެ ބޭފުޅުންގެ މަގާމުތަކުން އިސްތިއުފާ ދެއްވައި ގެއަށް ވަޑައިގަންނަވާ ސަބަބަކީ، އެ ބޭފުޅުން ދެއްވާ ލަފާ މި ސަރުކާރުން ގަބޫލު ނުކުރުން ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ ރިޓަޔަމަންޓަށް ފައިސާ ސަރުކާރުން 2.4 ބިލިއަން ރުފިޔާގެ ބޮންޑް ނަގަން އުޅޭ މައްސަލައާ ގުޅިގެން އިއްޔެ ޕެންޝަން އޮފީހުގެ ޗެއާމަން ޑރ. އަހުމަދު އިނާޒް އިސްތިއުފާ ވެސް ދެއްވާފައި ވަނިކޮށް ފައިސަލް މިއަދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ވިދާޅުވީ މާލީ ދާއިރާގެ ތަޖުރިބާކާރުންގެ އިރުޝާދަށް ސަރުކާރުން އަމަލު ނުކުރުމުގެ ނަތީޖާއަކީ ރާއްޖޭގެ މާލީ ހާލަތު އިތުރަށް ގޯސްވެ، މަގާމުތަކުގައި ތިއްބެވި ގާބިލް ބޭފުޅުންނަށް މަގާމުން ވަކިވެވަޑައިގަތުމަށް މަޖުބޫރުވުން ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގައި ޑޮލަރުގެ އަގު މައްޗަށް ދިއުމާއި ތަކެތީގެ އަގު އުފުލި އިންފްލޭޝަން މަތިވުމުގެ ސަބަބުން އާންމު ރައްޔިތުންގެ ދިރިއުޅުން ބިކަވަމުންދާ ކަމަށެވެ. މީގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ބަނގުރޫޓުވެ، ބޮޑެތި ވިޔަފާރިތަކަށް ވެސް ގޮތްހުސްވާ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށް ވިދާޅުވި އެވެ.

"ފެންނަމުން މިދަނީ ބަނަ ބޯވިލާގަނޑެއް ބޯމަތިވަމުން އަންނަ މަންޒަރު،" ފައިސަލް ވިދާޅުވި އެވެ. "ސަރުކާރުން ރައްޔިތުންގެ ފައިސާ އިސްރާފުކުރުން ހުއްޓާލައި، އުފެއްދުންތެރިކަން އިތުރުކުރުމަށް އާންމު ރައްޔިތުންނާއި ވިޔަފާރިތަކަށް އެހީތެރިކަންދީ، މާލީ ދާއިރާގެ ތަޖުރިބާކާރުންގެ ލަފަޔާއި އިރުޝާދުތަކަށް ތަބާވާން ޖެހޭ."

އެ މަނިކުފާނު ވަނީ ދުނިޔޭގެ މަސްރަހުގައި ހިނގަމުންދާ ހަލަބޮލިކަމުގެ ތެރެއިން ރާއްޖޭގެ އިގުތިސާދު ނުރައްކާތެރި ހިސާބަކަށް ދިއުމުގެ ކުރިން، މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ވެސް ގޮވާލައްވައިފަ އެވެ.

އަދި ރާއްޖެ އަށް މިހާރު އޮތް ދަތިކަމުން އަރައިގަތުމަށް ސަރުކާރުން ވީހާ ވެސް އަވަހަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.