އެމެރިކާގެ ވޮޝިންޓަން ޑީސީގައި ހުންނަ މަޝްހޫރު ޖޯން އެފް ކެނެޑީ ސެންޓާ ފޯ ޕާފޯމިން އާޓްސް މަރާމާތަށް ދެ އަހަރަށް ބަންދު ކުރަން ނިންމައިފި އެވެ.
މިއުޒިކް ޝޯތަކާއި ފިލްމުތައް ދެއްކުމުގެ އިތުރުން ވެސް އާޓާ ގުޅުން ހުރި އެކި ކަހަލަ އިވެންޓްތައް ބާއްވަމުން އަންނަ ކެނެޑީ ސެންޓަރު ދެ އަހަރަށް ބަންދު ކުރަން ނިންމިކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާން ކުރެއްވީ އޭނަގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް، ސޯޝަލް ޓުރުތުގައި އާންމު ކުރެއްވި ޕޯސްޓެއްގަ އެވެ.
އޭގައި އޭނަ ވިދާޅުވީ ކެނެޑީ ސެންޓަރު ބަންދު ކުރަން ހަމަޖެހިފައި ވަނީ ޖުލައި 4 އިން ފެށިގެން ކަމަށެވެ. އަދި އެތަން މަރާމާތަށް ފަހު އަލުން ކުލަގަދަކޮށް ހުޅުވާނެ ކަމަށް ވެސް ވިދާޅުވި އެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި ކެނެޑީ ސެންޓަރު އެއްކޮށް ބަންދުކޮށްގެން މަރާމާތުގެ މަސައްކަތް ކުރިއަށް ގެންދަން ނިންމީ ވީހާ ވެސް ފުރިހަމަކޮށް އެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ގޮތުންނެވެ.
އޭނަ ވިދާޅުވީ ޝައްކެއް ވެސް ނެތް ގޮތުގައި ކެނެޑި ސެންޓަރަކީ ދުނިޔޭގައި ހުރި އެންމެ ފުރިހަމަ ޕަފޯމިން އާޓްސް ފެސިލިޓީ ކަމަށެވެ.
ކެނެޑީ ސެންޓަރުގެ މަރާމާތަށް 250 މިލިއަން ޑޮލަރު ހަމަޖައްސާފައިވެ އެވެ.
ކެނެޑީ ސެންޓަރަކީ އެމެރިކާގެ ރައީސްކަން 1961-1963 އަށް ކުރެއްވި ޖޯން އެފް ކެނެޑީގެ ހަނދާނުގައި ބިނާކޮށްފައިވާ ތަނެކެވެ. އެތަނުގެ މަސައްކަތް ޑިސެންބަރު 2، 1964 ގައި ފަށައި، ސެންޓަރު ރަސްމީކޮށް ހުޅުވީ ސެޕްޓެމްބަރު 8، 1971 ގަ އެވެ.
ކެނެޑީ ސެންޓަރު މަރާމާތަށް ބަންދު ކުރަން ނިންމުމާ ގުޅިގެން ޖުލައިގެ ފަހުން އެތަނުގައި ބާއްވަން ރާވަމުން އައި އިވެންޓްތައް މިހާރު އަންނަނީ ކެންސަލް ކުުރަމުންނެވެ. މިދިޔަ ބްރާސްފަތި ދުވަހު އެތަނުގައި ޓްރަމްޕްގެ އަނބިކަނބަލުން މެލާނިއާ ޓްރަމްޕްގެ ޑޮކިއުމަންޓަރީ މެލާނިއާ ޕްރީމިއާކުރި އެވެ.
ޓްރަމްޕް މިދިޔަ އަހަރު ވެރިކަމަށް ވަޑައިގެން ކެނެޑީ ސެންޓަރުގެ ނަން ދަ ޓްރަމްޕް-ކެނެޑީ ސެންޓަރުގެ ނަމަށް ރީބްރޭންޑްކޮށް، އެތަނުގެ ބޯޑަށް ވެސް ބޮޑެތި ބަދަލުތަކެއް ގެންނަވާފައިވެ އެވެ.