Last Updated: June 6, 06:06
Saturday, June 6, 2026
ޚަބަރު

އަސްކޮއި އިން ފައިސާ ދޭން ހުކުމްކޮށްފި

އަސްކޮއި އުމްރާ ގުރޫޕުން ލަނޑު ދިން ބަޔަކަށް ދޮޅު ލައްކަ އަށް ވުރެ ގިނަ ރުފިޔާ ދޭން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ގދ. ތިނަދޫ އާއިލާއެއްގެ ހަ މީހަކު އުމްރާއަށް ދާން އަސްކޮއި ޓްރެވަލް ޕްރައިވެޓް ލިމިޓެޑަށް ދެއްކި ފައިސާ ބޭނުންކޮށް، އުމްރާ އަށް ގެންގޮސްފައި ނުވާތީ އެ އާއިލާގެ ފަރާތުން އެ ކުންފުންޏާއި، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ރަޝީދުގެ މައްޗަށް ސިވިލް ކޯޓުގައި ދައުވާކުރީ އުމްރާ އަށް ދާން ދެއްކި 155،250 ރުފިޔާ އާއި މައްސަލަ ޝަރީއަތަށް ހުށަހެޅުމަށް ހިނގި ޚަރަދު ކުންފުނިން ހޯދުމަށެވެ.

އެ މައްސަލައިގެ ޝަރިއަތުގައި އެ އަސްކޮއި އިން ވަނީ ފައިސާ ދައްކަން އެއްބަސްވެފައެވެ. ފައިސާ ދައްކަން ކުންފުންޏާއި ރަޝީދު އެއްބަސްވުމުން ސިވިލް ކޯޓުން ވަނީ ހަތް ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް އަމުރުކޮށްފަ އެވެ.

އަސްކޮއި އިން މަކަރު ހެދި މައްސަލައިގައި އެ ކުންފުނީގެ އުމްރާގެ ހުއްދަ ހިފަހައްޓައި، ޖޫރިމަނާކޮށް، ފިޔަވަޅު އަޅަން އިސްލާމިކް މިނިސްޓްރީން މިދިޔަ އަހަރުގެ ޖުލައި މަހުގެ 31 ގައި ނިންމި އެވެ.

މީގެ ކުރިން ވެސް އަސްކޮއި އިން ދެ ފަހަރެއްގެ މަތިން އުމްރާ އަށް ގެންދަން މީހުންގެ އަތުން ފައިސާ ނެގުމަށް ފަހު ލަނޑު ދީފައިވެ އެވެ. އެގޮތުން މިދިޔަ އަހަރުގެ މެއި މަހު ވެސް ފެންމަތިވި މިފަދަ މައްސަލައަކާ ގުޅިގެން އެ މައްސަލަ ބެލުމަށް ފަހު, އަސްކޮއި 130،000ރ. އިން ޖޫރިމަނާކުރި އެވެ.