Last Updated: June 5, 22:30
Friday, June 5, 2026
މުނިފޫހިފިލުވުން

'ޑެވިލް ވެއާސް ޕްރާޑާ 2' ގެ ޓްރެއިލާ ދައްކާލައިފި

އާންމުންގެ ވަރަށް ބޮޑު ބޮޑު މަގުބޫލު ކަމެއް ހޯދި ހޮލީވުޑްގެ މަޝްހޫރު ފިލްމު "ދަ ޑެވިލް ވެއާސް ޕްރާޑާ" ގެ ދެވަނަ ބައިގެ ޓްރެއޮލާ ދައްކާލައިފި އެވެ.

ޓުވެންޓިއެތު ސެންޗަރީ ފޮކްސް ސްޓޫޑިއޯސް ގެނެސްދޭ މި ކޮމެޑީ ޑްރާމާ ސިނަމާތަކަށް ދޫކޮށްލަން ނިންމާފައި އޮތީ އަންނަ މެއި މަހުގެ 1 ގަ އެވެ.

"ދަ ޑެވިލް ވެއާސް ޕްރާޑާ 2" މި ގެނެސްދެނީ ފުރަތަމަ ބައި ގެނެސްދިންތާ 20 އަހަރު ފަހުންނެވެ.

ދެހާސް ހައެއްގައި ގެނެސްދިން "ޑެވިލް ވެއާސް ޕްރާޑާ" އަކީ ހަމަ އެ ނަމުގައި ލިޔުންތެރިޔާ ލޯރެން ވެއިޒްބާސް 2003 ގައި ގެނެސްދިން ވާހަކައަށް ބިނާކޮށް ޑޭވިޑް ފްރޭންކެލް ޑައިރެކްޓްކޮށް ގެނެސްދިން ވަރަށް ކާމިޔާބު ފިލްމެކެވެ. އޭގެ މައިގަނޑު ކާސްޓުންނަކީ މެރީލް ސްޓްރީޕާއި އޭން ހެތަވޭ އާއި ސްޓޭންލީ ޓަކީ އާއި ސައިމަން ބޭކާ އާއި އެމިލީ ބްލަންޓްގެ އިތުރުން އެޑްރިއެން ގްރެނިއާ އެވެ.

ޖުމްލަ 41 މިލިއަން ޑޮލަރުގެ ބަޖެޓަކުން ގެނެސްދިން "ޑެވިލް ވެއާސް ޕްރާޑާ" އަކީ ބޮކްސް އޮފީހުގައި 326.7 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމެކެވެ.

"ދަ ޑެވިލް ވެއާސް ޕްރާޑާ 2" ގެ ޑައިރެކްޓަރަކީ ފްރޭންކެޓެވެ. މީގެ ކާސްޓްގައި ވެސް ކުރީގެ ބައިގެ މުހިއްމު ތަރިންރަކެއް ހިމެނެ އެވެ. އޭގެ ތެރޭގައި ސްޓްރީޕް، ހެތަވޭ، އެމިލީ، އަދި ޓަކީ ހިމެނެ އެވެ.