މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ ހުޅުމާލޭ ޖަލުގައި ޙުކުމް ތަންފީޛު ކުރަމުންދިޔަ ގައިދީއަކަށް އައިޖީއެމްއެޗްގައި ފަރުވާދެމުންދަނިކޮށް މަރުވެއްޖެ އެވެ.
މަރުވެފައިވަނީ ދަފްތަރު ނރ. 439 / އިބްރާހިމް ސުޙެއިލް (53އ)އެވެ. އޭނާ ނިޔާވީ މިއަދު ހެނދުނުއެވެ.
ކަރެކްޝަންސް އިން ބުނީ، އިބްރާހިމް ސުޙެއިލްގެ ސިއްޙީ ހާލު ދެރަވުމުން އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ގެންދާތާ ހަފްތާއެއް ވެފައިވާ ކަމަށެވެ. އަދި އިބްރާހިމް ސުޙެއިލް މަރުވެފައިވަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނިކޮށް ނިއުމޯނިއާ ޖެހިގެން، 9:05 ހާއިރުގައި ކަމަށްވެސް ބުންޏެވެ.
މީގެ އިތުރުން ކަރެކްޝަންސް އިން ބުނީ، އޭނާއަކީ 2025 ގައި ސްޓްރޯކެއް ޖެހިގެން، އެކަމަށް ފަރުވާ ހޯދަމުން އައިމީހެއް ކަމަށެވެ.
އިބްރާހިމް ސުޙެއިލް މަރުވުމާ ގުޅިގެން ވަގުތުން އެކަން މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި އޭނާގެ ޢާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައިވާ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.