ޒަކާތުގެ ގާނޫނުގެ ދަށުން، "ޝަރީޢާ އެޑްވައިޒަރީ ކޮމިޓީ" އުފައްދަވާ އެ ކޮމިޓީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބޭފުޅުން އައްޔަންކުރައްވައިފި އެވެ.
ޒަކާތުގެ ޤާނޫނުގެ 19ވަނަ މާއްދާގެ (ހ)ގައި ވަނީ ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު އެކުލަވާލައި ހިންގުމާ ގުޅޭ ކަންކަމުގައި ޒަކާތުގެ ޤާނޫނު ތަންފީޛުކުރާ ފަރާތްތަކަށް ޝަރުޢީ ލަފާއާއި އިރުޝާދު ދިނުމަށް ޓަކައި، 5 މެންބަރުންގެ މައްޗަށް އެކުލެވޭ ޝަރީޢާ އެޑްވައިޒަރީ ކޮމިޓީއެއް، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލައްވަންވާނޭ ކަމަށެވެ.
އަދި އެ ޤާނޫނުގެ 19ވަނަ މާއްދާގެ (ށ) އަދި (ނ)ގައި ވަނީ، ޝަރީޢާ އެޑްވައިޒަރީ ކޮމިޓީ އެކުލަވައިލާންވާނީ ސަރުކާރާއި ސަރުކާރުން ބޭރުގެ ފަރާތްތައް ހިމެނޭ ގޮތުގެ މަތީން ކަމަށެވެ. އަދި ޝަރީޢާ އެޑްވައިޒަރީ ކޮމިޓީއަށް ޢައްޔަނުކުރާ މެންބަރުންނަކީ، އިސްލާމީ ޝަރީޢާގެ ކަމާގުޅޭ ދާއިރާއަކުން އެންމެ ދަށްވެގެން ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9ގެ ސަނަދެއް ޙާޞިލުކޮށްފައިވުމުގެ އިތުރުން، މިނިސްޓްރީން ދޫކޮށްފައިވާ ދީނީ ތަޤްރީރުކުރުމާއި ދީނީ ނަޞޭޙަތް ދިނުމުގެ ހުއްދަ އޮތް ފަރާތެއްކަމުގައި ވާންވާނޭކަމަށެވެ.
އެގޮތުން އެ ކޮމިޓީއަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރައްވާފައިވާ މެންބަރުންނަކީ:
ޗެއަރޕަރސަން: އަލްއުސްތާޛު ޢަބްދުالله ސަޢުދާން، މިނިސްޓަރ އޮފް ސްޓޭޓް ފޯރ އިސްލާމިކް އެފެއާޒް،
މެންބަރު: އުސާމް މުޙައްމަދު ސަޢީދު މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ ނައިބު،
މެންބަރު: ޢަބްދުލްހާދީ ޙުސައިން ، ހެޑް އޮފް ޝަރީޢާ ކޮމްޕްލަޔަންސް އެންޑް ގަވަރނަންސް، ބީ.އެމް.އެލް އިސްލާމިކް،
މެންބަރު: އަޙްމަދު ފިރާސް، ކަންޓްރީ ހެޑް އޮފް ޝަރީޢާ، އެޗް.އެސް.ބީ.ސީ އަމާނާ، މެލޭޝިއާ
މެންބަރު: ޢަޒްމީނު ރަޝީދު ، ސީނިއަރ ލީގަލް ސްޓްރެޓެޖިސްޓް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ